މިއަހަރުގެ ފަހުކޮޅު ޖަޕާނުގައި އޮންނަ އޮލިމްޕްސް އާއި ޕެރަލިމްޕިކްސް ކުޅިވަރު މުބާރާތް 'ޓޯކިޔޯ 2020'ގެ ބައިވެރިންނަށް ހާއްސަކޮށްފައިވާ އެކަމޮޑޭޝަން ބްލޮކްތަކުގައި އެނދުގެ ފްރޭމްތައް ހަދާފައި ހުންނާނީ ކާޑްބޯޑް ބޭނުންކޮށްގެން ކަމަށް ޖަޕާނުން ބުނެފިއެވެ.

މި ފްރޭމްތައް ހަދާފައި ހުންނާނީ، އުކާލާ ކާޑްބޯޑް ރީސައިކަލްކޮށްގެން ކަމަށްވާއިރު، ގޮދަޑި ހަދާފައި ހުންނާނީ ޕޮލިތީންއިން ކަމަށާ، މި ގޮދަޑިތަކަކީ ކުޅިވަރު މުބާރާތް ނިމުމުން އެހެން ބޭނުންތަކަށް ޕްލާސްޓިކްގެ ގޮތުގައި ރީސައިކަލްކުރާނެ ގޮދަޑިތަކެއް ކަމަށްވެސް ޖަޕާނުން ބުނެއެވެ.

އޮލިމްޕިކްސް މުބާރާތަށް ހާއްސަކޮށްގެން 18،000 އެނދު، އަދި ޕެރަލިމްޕްސް މުބާރާތަށް ހާއްސަކޮށްގެން 8،000 އެނދު ޖެހުމަށް ވަނީ ހަމަޖެހިފައެވެ. ދިގު މިނުގައި ގާތްގަނޑަކަށް 2.10 މީޓަރު ހުންނަ މި އެނދުތަކުގައި 200 ކިލޯގްރާމްގެ ބަރުދަން ހިފަހައްޓާނެ ކަމަށް، މި އެނދުތައް ޖަހަމުންދާ ފަރާތުން ވަނީ ހާމަކޮށްފައެވެ. މިއީ 2016 ވަނަ އަހަރު ރިއޯ އޮލިމްޕިކްސްގައި ބައިވެރިވި އެތްލީޓުންގެ ބަރުދަނަށް ބަލައިގެން، އެއަށްވުރެވެސް ބަރު މީހަކަށް އޮވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އެނދުތަކެކެވެ.

މިއަހަރު ޖަޕާނުގައި އޮންނަ އޮލިމްޕިކްސްއާއި ޕެރަލިމްޕިކްސް އެތްލީޓުންނަށް ހާއްސަކޮށްގެން ޖަޕާނުން ފަރުމާކޮށްފައިވާ ކާޑްބޯޑް އެނދުތައް/ފޮޓޯ: އޭޕީ

'ޓޯކިޔޯ2020'ގެ މެޑަލްތަކަކަކީވެސް އާންމު ދިރިއުޅުމުގައި ބޭނުންކުރާ އެކި ކަހަލަ އުފެއްދުންތައް ރީސައިކަލްކޮށްގެން އުފައްދާފައިވާ މެޑަލްތަކެއްކަން ފާހަގަކުރަންޖެހެއެވެ. އޮލިމްޕިކްސް ދަންމަރަކީ އުކަލާ ތަކެތި އަލުން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދަންމަރަކަށް ވީއިރު، މުބާރާތުގެ އެކި ބޭނުންތަކަށް ބޭނުންކުރަމުންދާނީ އިޔާދަކުރަނިވި ހަކަތަކަމަށްވެސް ޖަޕާނުން ވަނީ ބުނެފައެވެ.

ޓޯކިޔޯ އޮލިމްޕިކްސް ކުޅިވަރު މުބާރާތް އޮންނާނީ ޖުލައި 24 އިން އޯގަސްޓް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވާއިރު، ޕެރަލިމްޕިކްސް ކުޅިވަރު މުބާރާތް އޮންނާނީ އޯގަސްޓް 25 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ނިޔަލަށެވެ.