ރިޔާސީ ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރު ސުޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއްސުއޫދު އެ މަގާމުން އަޒުލުކުރަން ޖެހޭ ކަމަށާ އެއީ ނަޒާހަތްތެރިކަން ގެއްލިފައިވާ ބޭފުޅެއް ކަމަށް ކުރީގެ އިސްލާމިިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސުއޫދު އިސްކޮށް ހުންނެވި ކޮމިޝަނުން ޝަހީމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފޮނުވި މައްސަލަ ޕީޖީން އަނބުރާ ފޮނުވާލާފައި ވާއިރު ޝަހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަރު ކޮމިޝަނުން ފޮނުވި ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް އަނބުރާ ފޮނުވާލުމުން ދޭހަވަނީ ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ސިޔާސީ ގޮތުން ބަޔަކު ބަދުނާމުކޮށްފައިވާ ކަމަށެވެ.

އަދި އަފްރާޝީމްގެ މަރުގެ މިސްރާބު ދީނީ މީހުންގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރަނީ ހަގީގީ ގާތިލުން ފޮރުވަން ކަމަށްވެސް ބުނެފައި ވެއެވެ.

އަފްރާޝީމްގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، ޑރ.ޝަހީމްގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް އިއްޔެ ވަނީ ފޮނުވައިިފައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ޑރ.ޝަހީމް، އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު މަރު ކޮމިޝަނަށް ދެއްވި ބަޔާނުގައި ޓީވީ ޕްރޮގްރާމަކަށް އަރާވަޑައިގަތުމަށް އެދިލެއްވީ އަފްރާޝީމް ކަމަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް ކޮމިޝަނުން ހެކީގެ ގޮތުގައި ހޯދި އެ ދެ ބޭފުޅުންގެ ޓެކްސްޓް މެސެޖުގައިވާ ގޮތުން އަފްރާޝީމް މިނިސްޓްރީއަށް އެ ދުވަހު ވަޑައިގަތީ ޝަހީމް އެދިވަޑައިގަތުމަކަށެވެ. އެ މެސެޖްތަކަށް ބެލުމަށްފަހު ކޮމިޝަނުން ނިންމީ ޝަހީމް ދެއްވި މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ.