ކ.އަތޮޅު ކާގި ކައިރިއަށް ފަރަށް އެރި ދޯންޏަކުން ގެއްލުނު ކައްޕި ހޯދަން ކޯސްޓްގާޑުން ބަލަމުން އަންނަ ސަރަހައްދުން ވަޅިއެއް ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މިއަދުވެސް ހެލިކޮޕްޓަރުގައި ވައިގެ މަގުން އެ ސަރަހައްދު ބެލުމުގެ އިތުރުން ކަނޑުގެ ސަރަހައްދު ބެލުމަށް ކޯސްޓްގާޑުގެ ޑައިވަރުން ފީނާފައިވާ ކަމަށެވެ. އެގޮތުން ޑައިވަރުންނަށް ފެނުނު ތަކެތީގެ ތެރޭގައި ތުވާއްޔަކާއި، ވަޅިއަކާއި އިލެކްޓްރޯނިކް ސާމާނު ހިމެނޭ ޕްލާސްޓިކް ކޮތަޅެއް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަދި މިއަދު ފެނުނު ތަކެތި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ތަކެއްޗާ ގުޅޭ ފުރިހަމަ މައުލޫމާތެއް އިނގޭނީ ތަހުގީގަށްފަހު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ގެއްލުނު ކައްޕި ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ޑައިވަރުންނަށް މީގެކުރިން ވަނީ އެ ސަރަހައްދުގެ އަޑިން މާސްކްއަކާއި ބޮކްސާ ވައްތަރުގެ ސޯޓެއް ވެސް ފެނިފައެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި ތިން މީހުން ތިބި ކަމަށާއި، އެއީ ދެ ބިދޭސީންނާއި ދިވެއްސެއް ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. ނަމަވެސް "ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދޯނީގައި އުޅޭނީ ދެ ދީވެހިންނާއި ދެ ބިދޭސީންނެވެ.
މުހައްމަދުގެ އިތުރުން އެމްއެންޑީއެފުން އަންނަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރީ ލޯންޗަކާ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނު މީހާވެސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެ ހާދިސާގައި ގެއްލިފައިވަނީ ނަސްރުﷲ އަބްދުﷲ، 41 / ބ. އޭދަފުށީ، މުޝްތަރީގެއެވެ.