އިރާގުގައި އެމެރިކާގެ އަސްކަރިއްޔާއިން ގާއިމުވެ ތިބި ބޭސްތަކަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާއަކި އިރާގުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށާ، އެ ހަމަލާއަކީ އިރާގަށް ދެވުނު އަނިޔާއެއް ކަމަށް އިރާގުން ބުނެފިއެވެ.

އިރާގުގެ ވައިގެ ބަނދަރަކަށް އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އީރާނުގެ އިސް އަސްކަރީ ކޮމާންޑަރު، ޖެނެރަލް ގާސިމު ސުލައިމާނީ މާރާލާފައިވާއިރު، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން، އެމެރިކާ ސިފައިން އިރާގުގައި ގާއިމުވެގެން ތިބި މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ބުދަ ވިލޭރޭ ދިން ހަމަލާތަކާ ގުޅިގެން އިރާގުން ވަނީ، އެ ހަމަލާތައް ކުށްވެރިކޮށްފައެވެ.

އިރާގުގެ ފަސްގަނޑަކަށް އީރާނުން ދެމުންދާ ހަމަލާތައް ކުށްވެރި ކުރައްވާ، އިރާގުގެ ރައީސް ބަރްހަމް ސޯލިހުގެ އޮފީހުން އާންމު ކުރެއްވި ބަޔާނެއްގައި، އީރާނުން ތަކުރާރުކޮށް، އިރާގުގެ އިސްތިގުލާލަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ތަޅާފޮޅުމަކަށް ކެތްމަދުވެފައިވާ ދެ ބައިމީހުންގެ މެދުގައި ހަނގުރާމައިގެ ހަމަލާތައް ބަދަލު ކުރާ މައިދާނަކަށް އިރާގުގެ ފަސްގަނޑު ހަދާފައިވާކަމަށްވެސް އިރާގުގެ ރައީސް އޮފީހުން އާންމުކުރެއްވި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްވެސް ވަނީ މިފަދަ މޭރުމަކުން ބަޔާނެއް ދެއްވާފައެވެ. އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު އަލް-ހަލްބޫސީ ވިދާޅުވީ، އިރާގުގެ ފަސްގަނޑަކީ އެހެން ބަޔަކު ކާމިޔާބު ހޯދަން އޮތް ތަނެއް ނޫން ކަމަށެވެ. އަދި އީރާނާ އެމެރިކާގެ ކުރިމަތިލުމަކީ އިރާގުގެ ފަސްގަނޑުން ބޭރުގައި ހިންގާ ކަމަކަށް ހެދުމަށްވެސް އަލް-ހަލްބޫސީ ވަނީ ގޮވާލައްވާފައެވެ.

އިރާގުގެ ރައްޔިތުންގެ ފިކުރުވެސް ހުރީ މިފަދަ ގޮތަކަށެވެ. އިރާގުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ޖެނެރަލް ސުލައިމާނީ މަރާލުމަށް އެމެރިކާއިން އިރާގުގެ ވައިގެ ބަނދަރަށް ހަމަލާ ދިނުމެކޭ، އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނުން އަސްކަރީ ހަމަލާ ދިނުމެކޭ ތަފާތެއް ނެތެވެ. އަދި މިމައްސަލާގައި އިރާގުގެ ސަރުކާރު މަޑުން އޮންނަ ކަމަށް ބުނެ، އެގައުމުގެ އިރާގުގެ ރައްޔިތުން ދަނީ އެގައުމުގެ ސަރުކާރަށްވެސް ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.