ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ޖެއްސި މަތިންދާބޯޓެއްގެ އަޑީބައިގައި މަރުވެފައި އޮތް، އުމުރުން 10 އަހަރުގެ ކުއްޖެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ޕެރިހުގެ ޗާލޭ ދި ގުލިއޭ އެއާޕޯޓްއަށް ޖެއްސި މި މަތިންދާ ބޯޓަކީ، އައިވަރީ ކޯސްޓްގެ ވެރިރަށް ކަމަށްވާ އަބިޖާންއިން ފުރައިގެން އައި ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން، އެއާ ފްރާންސްއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ބޯޓުގެ އަޑީބައި މަރުވެފައި އޮތް ކުއްޖާ އޮތީ، ލޭންޑިންގް ގިއަރުގައި ވަޅެއް ގޮތަށް އަޑިއަށް އޮންނަ ބައިގެ ތެރޭގައެވެ.

މި ކުއްޖާއަކީ އެފްރިކާ ދަރިކޮޅުގެ ކުއްޖެއް ކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއީ، އަބިޖާން އެއާޕޯޓްގެ ސެކިއުރިޓީގެ ދަށް ފެންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ޚުދު އައިވަރީ ކޯސްޓްގެ ސަލާމަތީ މަސްދަރުތަކުން ވަނީ ބުނެފައެވެ.

މަތިންދާ ބޯޓުގެ އެކި ބައިތަކުގެ ތެރެއަށް ގަވައިދާ ހިލާފަށް ވަދެ، އެހެން ގައުމުތަކަށް އެތެރެވުމާ އެތެރެކުރުވުމުގެ މައްސަލައަކީ ޒަމާނުއްސުރެ ހިނގަމުންދާ ކަމެކެވެ.