ޖަޕާނުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ހިންގަމުންދިޔަ އެހީދޭ މަރުކަޒެއްގައި ފަރުވާ ހޯދަމުންދިޔަ 19 މީހަކު މަރާލާފައިވާކަމަށް، އުމުރުން 29 އަހަރުގެ ފިރިހެނަކު އިއުތިރާފުވެއްޖެއެވެ.

2016 ވަނަ އަހަރުގެ ހާދިސާތަކަށް އިއުތިރާފުވި ނަމަވެސް، ސަތޯޝީ އުއެމަޓްސޫ ނަމަކަށް މިއާ މި މީހާ ވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިންކާރުކޮށްފައެވެ. ގަސްތުގައި މީހުން މެރިކަމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރު ކުރަމުންދަނީ، އޭނާއަކީ ނަފްސާނީ ގޮތުން ބަލިކަށި މީހެއް ކަމަށް ބުނެ ދިފާއު ހޯދުމަށް މަސައްކަތް ކުރުމުގެ އުކުޅު ބޭނުންކުރަމުންނެވެ.

ސަތޯޝީގެ ދިފާއީ ވަކީލުން ބުނާ ގޮތުގައި ގަތުލުގެ އަމަލު ހިންގި ވަގުތު އޭނާ ހުރީ މަސްތުގެ ހާލުގައި، ބުއްދީގެ ފުރިހަމަ ބޭނުން ހިފޭ ގޮތަކަށް ނޫނެވެ.

ސަތޯޝީއަކީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކުލިނިކުގައި ކުރިން މަސައްކަތްކުރި މުވައްޒަފެކެވެ.

އެކި ފަހަރު މަތިން އޭނާއާއި ކުރި ސުވާލުތަކަށް ޖަވާބު ދެމުން ސަތޯޝީ ވަނީ، އިންތިހާއަށް ނުކުޅެދޭ މީހުންނަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމަށާ، އެފަދަ މީހުންނަކީ މަރާލަންޖެހޭ ބައެއް ކަމަށް ބުނެފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒެއްގެ ތެރޭގައި 19 މީހުން މަރާލި ސަތޯޝީ އުއެމަތްސޫ ކޯޓުގައި ބަޔާން ދެނީ/ފޮޓޯ: އޭއެފްޕީ

އޭނާގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 19 އަހަރާ 70 އަހަރާ ދެމެދުގެ މީހުން ކަމަށްވާއިރު، މި އެންމެންވެސް މަރާލާފައިވަނީ ރޭގަނޑުގެ ނިދީގައި ތިއްބައެވެ. އެމީހުން ނިދާފައި ތިބި އިމާރާތުގެ ތެރެއަށް ސަތޯޝީ ވަދެފައިވަނީ ކުޑަދޮރު ހަލާކުކޮށްލައިގެންނެވެ.

މިއީ ޖިނާއީ ކުށްކުރުން އިންތިހާއަށް މަދު ޖަޕާނުވެސް ސިއްސުވާލި، ބޮޑު މައްސަލައެކެވެ.

ކަންމިހެން އޮތްއިރު، ސަތޯޝީގެ ޝިކާރައަކަށްވީ ހުރިހާ އެންމެންގެ ވަނަވަރު ހާމަ ކުރާނެ ކަމަކަށްވެސް ނުބެލެވެއެވެ. ޖަޕާނުގެ ބޯދާ ގަބޫލުކުރުންތައް ހުންނަ ގޮތުން އާއިލާއެއްގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކު ހުރިކަމަށް އެއްބަސްވެ، އެކަން ހާމަކުރަން ބޭނުންވާ އާއިލާތައް މަދެވެ.