އިއްޔެގެ ވަގުތެއްގައި އީރާނަށް ވެއްޓުނު ޔޫކްރައިންގެ މަތިންދާ ބޯޓުގެ ކަޅުފޮށި، އެމެރިކާއާ ހަވާލު ނުކުރާނެ ކަމަށް އީރާނުން ބުނެފިއެވެ.

180 މީހުންނާއެކު އީރާނުގެ ވެރިރަށް ތެހްރާންއިން ފުރައިގެން ޔޫކްރައިންގެ ވެރިކަން ކުރާ ކިއޭފްއަށް ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓަކީ، ބޮއިންގް 737-800 މަރުކާގެ މަތިންދާ ބޯޓަކަށްވީއިރު، ބޮއިންގް ކުންފުންޏާވެސް މި ބައިތައް ހަވާލު ނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. ބޮއިންގްއަކީ އެމެރިކާގެ ކުންފުންޏެކެވެ.

ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ގަވައިދު ބުނާ ގޮތުން، މި ހާދިސާގެ ތަހުގީގު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރިހަމަ ހައްގު، އީރާނަށް ލިބިގެންވެއެވެ. ނަމަވެސް އާންމުކޮށް މިފަދަ ހާލަތްތަކުގައި ކަންކުރާ ގޮތަށް ބަލާއިރު، ބޯޓު އުފައްދާ ފަރާތްތަކުން މި ކަމުގައި ބައިވެރިވެއެވެ. އަދި ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިފަދަ ހާދިސާތައް އެންމެ ފުރިހަމަ ގޮތުގައި ތަހުގީގު ކުރުމުގެ ގާބިލުކަން ލިބިފައިވަނީވެސް ނިސްބަތުން މަދު ގައުމަކަށެވެ.

180 މީހުންނާއެކު އީރާނުން އުދުއްސާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ޔޫކްރައިންގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާގެ ތެރެއިން/ފޮޓޯ: ޚަބަރުއޮންލައިން

އީރާނުގެ ވައިގެ ބަނދަރުން އުދުއްސާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޯޓު ވެއްޓިގެން ހިނގި މި ހާދިސާގައި، ބޯޓުން ދަތުރުކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތްވެފައެއް ނުވެއެވެ.

މިހާދިސާ ހިނގާފައިވާ ވަގުތަކީ އީރާނާ އެމެރިކާއާއި ދެމެދު އަސްކަރީ ނުތަނަވަސްކަމެއް އުފެދި، ހަނގުރާމައެއް ތުންފަތް މަތީގައި އޮތް ވަގުތެއްކަމަށް ވީ ނަމަވެސް، ޔޫކްރައިންގެ މަތިންދާ ބޯޓު ވެއްޓުމާ، މިކަމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.