އިރާގުގައި އެމެރިކާ އަސްކަރިއްޔާއިން މަރުކަޒުކޮށްފައިވާ އަމާޒުތަކަށް މިސައިލް ހަމަލާ ދިނުމަށްފަހު އީރާނު އޮތީ ފަސްޖެހި، އިސް ދަށަށް ޖަހައިގެން ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގައި ހުންނަވާ ވަގުތުން ޓެލެކާސްޓް ކުރައްވަމުން ގެންދެވި ތަގުރީރުގައި ޓްރަމްޕް ވިދާޅުވީ، އީރާނުން ދިން ހަމަލާތަކުގައި އެމެރިކާ އަސްކަރިއްޔާގެ އެއްވެސް މެމްބަރެއްގެ ފުރާނަ ގެއްލިފައި ނުވާކަމަށެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން، އަސްކަރީ ބޭސްތަކަށް ލިބިފައިވަނީވެސް ކުޑަ ގެއްލުމެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ޓެރަރިސްޓެއްގެ ގޮތުގައި ސިފަކުރަމުންދިޔަ ޖެނެރަލް ސުލައިމާނީގެ މަރުގެ ބަދަލު ހިފުމަށް އީރާނުން ހަމަލާ ދީފިނަމަ އޭގެ ރައްދުގައި އަނެއްކާވެސް އީރާނަށް ހަމަލާ ދޭނެކަމަށް އެމެރިކާއިން ބުނެފައި ވީ ނަމަވެސް، ބުދަ ދުވަހުގެ ހަމަލާތަކާ ގުޅިގެން ރައްދުގައި ހަމަލާއެއްދީ ހަނގުރާމައެއް ފަށާފާނެ ކަމުގެ އެއްވެސް އިޝާރާތެއް، ޓްރަމްޕްގެ ތަގުރީރުގައި ދެއްވާފައެއް ނުވެއެވެ.

ޓްރަމްޕް ވިދާޅުވީ، އަސްކަރީ ބާރުވެރިކަން އެމެރިކާއަށް ލިބިފައި އޮތެއް ކަމަކު އޭގެ މާނައަކީ އެތަކެތީ ބޭނުން ކުރަންޖެހޭނެ ކަމެއް ނޫންކަމަށެވެ. ނަމަވެސް އީރާނާ ދެކޮޅަށް އިގުތިސޯދީ ގޮތުންނާ މާލީ ގޮތުން، ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި އީރާނުގެ އުޅުން 'އިސްލާހު' ވަންދެކަށް އެ ފިޔަވަޅުތައް ތަންފީޒުކުރެވިގެންދާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުފައެވެ.

އިރާގުގައި އެމެރިކާ އަސްކަރިއްޔާއިން މަރުކަޒުވެގެން ތިބޭ އިރްބީލްއާއި އަލް-އަސާދު ބޭހަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާ ދީފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

އިރާގުގައި ހުންނަ އެމެރިކާގެ އަމާޒުތަކަށް އީރާނުން ފޮނުވާލި ރޮކެޓް މިސައިލް ހަަމަލާގެ ބައެއް ބައިތައް/ފޮޓޯ: ގެޓީއިމޭޖަޒް

އީރާނުން ބުނާ ގޮތުގައި އެ ހަމަލާތަކަކީ، އެގައުމުގެ އަސްކަރީ ޖެނެރަލް ގާސިމު ސުލައިމާނީގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އީރާނުން 16 މިސައިލް ހަމަލާއެއް ދިން ކަމަށާ، 11 ހަމަލާއެއް އަލް-އަސާދު ބޭހަށް އަމާޒުވިއިރު، 1 ހަމަލާ އަމާޒުވީ އިރްބީލްއަށް ކަމަށް އެމެރިކާއިން ބުނެއެވެ. ދެން ހުރި ހަމަލާތަކަކީ، ކަނޑައެޅި އަމާޒުތަކާ ކައިރި ހިސާބުތަކަށް އެރި ހަމަލާތަކެއް ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

ކަންމިހެން އޮތްއިރު އިރާގުގައި ހުންނަ އެމެރިކާ އެމްބަސީ ހިމެނޭ ގްރީން ޒޯން ސަރަހައްދަށް އިއްޔެ ހަވީރުގެ ވަގުތެއްގައި 2 ރޮކެޓެއް ވެއްޓިފައެވެ.

އީރާނުން އެމެރިކާގެ ބޭސްތަކަށް އަމާޒުކޮށް ބުދަ ދުވަހު ދޭން ފެށި ހަމަލާތަކަކީ 1979 ވަނަ އަހަރުގެ ތެރޭގައި، އީރާނުގެ ވެރިރަށް ތެހްރާންގައި ހުރި އެމެރިކާގެ އެމްބަސީ، އީރާނުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ ފަހުން ސީދާ ގޮތެއްގައި އީރާނުން އެމެރިކާއަށް ދިން ފުރަތަމަ ހަމަލާތަކެވެ.