ރާއްޖޭގެ ޖަލުތަކުގާ ހިންގަމުންދާ ހަމަނުޖެހުންތަކުގެ މައްސަލަތަށް ބަލަމުން ދާއިރު ސައްހަ ނޫން މައުލޫމާތު ދީފައިވާ ކަމަށް މައްސަލަ ބަލާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދާއިރު، މޯލްޑީވްސް ކަރެކްޝަނަލް ސާވިސުން އެންމެ އެކަށީގެންވާ މިންވަރަށް އެއްބާރުލުން ލިބެމުން ނުދާ ކަމަށާއި އެ ކޮމިޝަނަށް ސައްހަ ނޫން މައުލޫމާތު ދީފައިވާކަން ހިތާމައާ އެކު ފާހަގަ ކުރާ ކަމަށެވެ.

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ޖަލުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ މައުލޫމާތު އެ ކޮމިޝަނަށް ހަބަރުފަތުރާ ވަސީލަތްތަކާއި މީސްމީޑިއާގެ ޒަރިއްޔާއިން ސަމާލުކަމަށް އައިސްފައި ވާ ކަމަށެވެ.

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގި މައްސަލަ އެޗްއާރްސީއެމުން ވަނީ ޖަލަށް ޒިޔާރަތްކޮށް ތަނުގެ އާންމު ހާލަތުބަލައި ގައިދީންނާއި ޖަލުގެ އިސްވެރިންނާއި މުވައްޒަފުންނާއި ވާހަކަދައްކާ މައުލޫމާތު ސާފުކޮށްފައި ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ކޮމިޝަނުން ބެލި ބެލުމުގައި ޖަލުގައި ހަމަނުޖެހުން ހިނގަން މެދުވެރިވެފައިވާ ސަބަބަކީ ގައިދީންނާއި ބަންދުކޮަށްފައި ވާ ފަރާތްތަކުން ކަރެކްޝަންސްގައި ތަކުރާރުކޮށް އެދުމުންދާ ޒަރޫރީ ބައެއް ކަންކަން ފުއްދައި ނުދެވޭތީ ކަމަށް މިހާތަނަށް ލިބިފައިވާ މައުޅުމާތުން އެނގިފައި ވާ ކަމަށެވެ. އެގޮތުން ޝަރީއަތުގެ މަރުޙަލާ ދިގުލައިގެން ދިއުމާއި، އެކަށީގެންވާ އަވަސް މިނެއްގައި ސިއްހީފަރުވާ ފޯރުކޮށް ނުދެވޭކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި މާލޭ ޖަލުގައި މިވަގުތު ތިބި ގިނަ ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ދާކަމާއި، މާލެ ޖަލުގެ ތިން ތަނެއްގައި އަލިފާން ރޯކުރިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މާފުށި ޖަލުގައި މިދިޔަ ހަފުތާއެއްހާ ދުވަހު ހިނގި ހަމަނުޖެހުންތައް ހުއްޓާލައި ޖަލު ހަމައަކަށް އެޅިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފައި ވާއިރު އިއްޔެ ކަރެކްޝަނުން ބުނީ، ޖަލުގައި އަލިފާން ރޯ ނުކުރާކަމަށެވެ. ނަމަވެސް ތުވާއްޔެއްގައި ރޯކުރި ކަމަށް ކަރެކްޝަނުން މީޑިއާއެއްގައި ބުނެފައިވެސް ވެއެވެ.