މަސްޖިދުއް ރަހުމަތުގެ ނަމުގައި ނ. ކެނދިކުޅުދޫގައި އަމިއްލަ ފަރާތަކުން ތަރައްގީކުރި މިސްކިތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައި ދެއްވައިފިއެވެ.

ރައީސް މިއަދު ކެނދިކުދޫއަށް ވަޑައިގަތުމުން ރަށުގެ ބަނދަރު ސަރަހައްދުން ރަށުގެ ކައުންސިލް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި މިސްކިތުގެ ބިންގާ އަޅާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހު ރައީސް ސޯލިހު ކެނދިކުޅުދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެ މިސްކިތަކީ ހެޔޮ އެދޭ ފަރާތެއްގެ އެހީގައި ބިނާ ކުރި މިސްކިތެކެވެ. އެ މިސްކިތުގައި އެއް ފަހަރާ 550 މީހުން ނަމާދު ކުރެވެއެވެ. މިއީ ކެނދިކުޅުދޫގައި ބިނާ ކުރި ފަސްވަނަ މިސްކިތެވެ.

ހެޔޮއެދޭ ފަރާތެއްގެ އެހީގައި ޒަމާނީ ފެންވަރަށް ބިނާކުރި މި މިސްކިތުގެ މަސައްކަތް ނިންމާފައި ވަނީ 295 ދުވަހުގެ ތެރޭގައެވެ.