އަންހެނުން ޝާމިލް ނުވެ ހޯދާ ތަރައްގީ ހުންނާނީ އައިބުކޮށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އިބްރޭ) އަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ރައްދު ދެއްވައިފިއެވެ.
މެމްބަރު ކެލާ އިބުރޭ އޭނާގެ އަމިއްލަ ހިޔާލެއް ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އޭނާ ސުވާލު އުފެއްދެވީ، ރަށު ކައުންސިލާއި ސިޓީ ކައުންސިލުން އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމާއި ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިންތިހާބު ކުރާ ގޮތަށް ހެދުމަކީ އާބާދީ އިތުރުވުމަށް އެޅޭނެ ހުރަހަކަށް ނުވާނެތޯއެވެ.
އެކަމަށް ރައްދު ދެއްވައި ހަސަން ލަތީފް ވިދާޅުވީ ގައުމުގެ އާބާދީ އިތުރު ކުރަން ވިސްނަން ވާނީ އަންހެން ބޭފުޅުން ގައުމުގެ ތަރައްގީގެ މަސައްކަތުން އެކަހެރި ކޮށްގެން ނޫން ކަމަށެވެ.
"އަންހެނުން ޝާމިލްނުވެ ހޯދާ ތަރައްގީ ހުންނާނީ ވަރަށް އައިބުކޮށް، ފިތުރަތުގެ އުސޫލާ އިދިކީލިކޮށް ކުރާ ކަންކަން އައިބުވާނެ،" ހަސަން ލަތީފް ވިދާޅުވިއެވެ.
އިބްރޭގެ އެޓްވީޓާއި ގުޅިގެން އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައެވެ.
އިބްރޭ އަށް ރައްދު ދެމުން ގިނަ ފަރާތްތަކުން ވަނީ މިއަދުން ފެށިގެން ތިޔަފަދަ ހިޔާލުތައް ކުރެއްވުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އަންހެނުން މަސައްކަތަށާއި ޒިންމާދާރު ވަޒީފާތަކަށް ނިކުތުމެ، ގިނަ ވަގުތު ވަޒީފާގައި ހޭދަ ކުރުމަކީ އާބާދީއަށް އަސަރު ކުރާނެ ކަމެއް ނޫން ކަން ވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރިއެވެ. އެގޮތުން، އަންހެނުން އެކަނި ކުރާ މަސައްކަތަކުން އާބާދީ އިތުރު ނުކުރެވޭނެ ކަމަށާއި އެ ނަޒަރިއްޔާތުން ވިސްނައިފިނަމަ އަންހެނުން ވަޒީފާއަށް ނިކުތުމާއި ފިރިހެނުން ވަޒީފާއަށް ނިކުތުމަކީ އެއްފަދަ ކަމެއް ކަމަށް ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ރަށްރަށުގެ ކައުންސިލާއި، ސިޓީތަކުން 33 ޕަސެންޓް ގޮނޑި ހާއްސަ ކުރާނީ އަންހެނުންނަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އިންތިހާބުކުރާ މަގާމުތަކެއްގައި އަންހެނުން އެންމެ ގިނަ އަދަދަކަށް ތިބޭނެ ފަހަރެވެ.