ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި، އެކިއެކި ބޭނުންތަކަށް ލަންކާއަށް ދާ ދިވެހިން ދުރާލާ ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވޭތޯ ބެލުމަށް އިލްތިމާސްކޮށްފިއެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ނެރުނު އިއުލާނެއްގައި ބުނީ، ލަންކާގައި ދިރިއުޅޭ ބޭރުގައުމުތަކުގެ ރައްޔިތުންގެ ސްޓޭޓަސް ބެލުމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން، އެ ފަރާތްތަކުގެ ޕާސްޕޯޓާއި ވިސާގެ ކަންކަން ބަލަމުންދާ ކަމަށެވެ. އެހެންކަމުން، ލަންކާގައި އުޅޭ ދިވެހިންނާއި، ލަންކާއަށް ޒިޔާރަތްކުރާ ދިވެހިން ދުރާލާ ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވޭތޯ ބަލާ، ހަމަވުމުގެ ކުރިން ކުރަންޖެހޭ ކަންކަން ހަމަޖެއްސުމަށް އެ އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނީ ބޭރުގައުމެއްގައި އުޅޭއިރު، ކާކުކަން އިނގޭނެ އައިޑެންޓިފިކޭޝަން ގެންގުޅުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ލަންކާގައި އުޅޭ ދިވެހިން ވެސް ބޭރަށް ނިކުންނަ ކޮންމެ ވަގުތެއްގައި ވެސް، ޕާސްޕޯޓް ގެންދިއުމަށް އެ އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ. އެ އެމްބަސީން ބުނީ، ލަންކާގެ އިދާރާއަކަށް ޕާސްޕޯޓް ބަލައިގެންފައިވާ މީހެއް ނަމަ، ބޭރަށް ދާނީ ރިސިޕްޓް ހިފައިގެން ކަމަށެވެ.

މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި އާއްމު ތަންތާނގައި ނޫޅުމަށާއި ގޭގައި ތިބޭއިރުވެސް ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭނެ ގޮތަށް ޕާސްޕޯޓްތައް ބެހެއްޓުމަށް ލަންކާ ސަރުކާރުން ވަނީ އަންގާފައެވެ.

އެގޮތުން، ދާދި ފަހުން ވެސް ލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12 ދިވެހިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެގޮތުން، އޭގެ ތެރެއިން އެކަކުގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، އެހެން އެންމެން ވަނީ މިހާރު ދޫކޮށްލާފައެވެ. ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ، 9 މަސްދުވަހު ވިސާ ނެތި ލަންކާގައި އުޅެ، އަދި ދިވެހި ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާތާ 8 މަސްވެފައިވާ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ.

ލަންކާގައި ތިބުމުގެ ވިސާގެ މުއްދަތު ހަމަވުމުން، ވިސާ އާ ނުކޮށް އެގައުމުގައި ތިބުމަކީ ގާނޫނީ ކުށެކެވެ. އަދި މިގޮތަށް ގާނޫނާއި ހިލާފަށް އަމަލުކުރާ މަދު ބައެއްގެ ސަބަބުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާއްމުކޮށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ވަނީ ތަކުރާރުކޮށް ފާހަގަވެފައެވެ. ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަތައް ނާޖާއިޒް ގޮތެއްގައި ބޭނުންކުރާ މަދު ބައެއްގެ ސަބަބުން އާއްމުކޮށް ދިވެހިންނާ ދޭތެރޭ އެގައުމުތަކުން ދެކޭ ގޮތް ބަދަލުވެ، އެފަދަ ލުއިތަކާއި އިނާޔަތްތަކަށް ބުރޫ އެރުމަކީ ނުވެދާނެ ކަމެއް ނޫނެ.