ހަރުކަށި ފިކުރަ ދެކޮޅަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ހައްޔަރުކުރި 3 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ހައްޔަރު ކޮށްފައި ވަނީ އުމުރުން 22 އަހަރާއި، 26 އަހަރު އަދި 28 އަހަރުގެ ދިވެހި ތިން ފިރިހެނުން ކަމަށެވެ.

މިދިޔަ ޑިސެމްބަރު 19 ވަނަ ދުވަހުން ފެށިގެން މަޑުއްވަރީގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، ފުލުހުން ވަނީ ޖުމްލަ 6 މީހަކު ހައްޔަރު ކޮށްފައެވެ. މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރާއި، 34 އަހަރާއި 29 އަހަރުގެ 3 މީހެކެވެ. މި މީހުން ހައްޔަރު ކުރި އިރު، ފުލުހުން ވަނީ އެމީހުން އުޅުނު ގެތަކުން ވަނީ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި، ސައްހަ ނޫން ކަމަށް ބެލެވޭ ކައިވެނީގެ ސެޓްފިކެޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

"އައްސޭރި" ނަމުގައި ހިންގާ މި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ވަނީ 7 ގެއަކާއި ދޯންޏެއް ބަލާ ފާސްކޮށްފައެވެ. އަދި އިތުރު ދެ ގެއެއް ބަލާފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަޑުއްވަރީގެ ގެތައް ބަލައި ފާސް ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ފަށާފައި ވަނީ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަށް ހިންގާ މަސައްކަތާ ދެކޮޅަށެވެ.

މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު ދަނީ އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމުކުރާ ވެކްސިން ނުދީ، ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.