މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރީ ލޯންޗަކާއި ޑިންގީއެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަޑިއަށްދިޔަ ޑިންގި ކަނޑު އަޑިން ނަގާ، އެ އަތޮޅު ދަރަވަންދޫއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ޑިންގީ ގެއްލިފައި ވަނިކޮށް އެމްއެންޑީއެފުން ކުރި މަސައްކަތިން ހޯދާފައި ވަނީ އިއްޔެއެވެ. އެ ޑިންގީ ހޯދާފައިވަނީ، ދޮންފަނުގެ ހުޅަނގުން 0.5 ނޯޓިކަލް މޭލު ބޭރުން ކަނޑުގެ 46 މީޓަރު އަޑިންނެވެ.

ބ. ދޮންފަނު ކައިރިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޑިންގިއަކާއި ލޯންޗެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެކަކު ވަނީ ގެއްލިފައެވެ. އަދި ބައެއް މީހުންނަށް ވަނީ އަނިޔާވެސްވެފައެވެ. ގެއްލިގެން ހޯދަމުންދަނީ ބ.އޭދަފުށީ ނަސްރުﷲ އަބްދުﷲއެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ހުއްޓާނުލާ ކުރަމުންނެވެ.

މިއެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ލޯންޗުގެ ދުއްވަން އިން މީހާއަށެވެ. އޭނާއަށް މިހާރުވެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށްވެސް ބޮޑެތި އަނިޔާ ލިބިފައިވި ނަމަވެސް އެ މީހުންގެ ހާލު ސީރިޔަސް ނޫން ކަމަށް ފުލުހުން ވަނު ބުނެފައެވެ. އަދި ލޯންޗު ފަޅުވެރިޔަކަށް ހުރި ބިދޭސީ މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.