އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚަމާނާއީއަށްފަހު އެގައުމުގައި ހުރި އެންމެ ނުފޫޒުގަދަ ޝަހްސުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދިޔަ އީރާނު އަސްކަރިއްޔާގެ ގުދުސް ފޯސްގެ ކޮމާންޑަރު، ގާސިމް ސުލައިމާނީގެ ޖަނާޒާގައި ބައިވެރިވުމަށް އެއްވި މީހުން ފިތިބާރުވެގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 56 އަށް އަރައިފިއެވެ.

މިދިޔަ ހުކުރު ދުވަހު، އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި މަރާލާފައިވާ ޖެނެރަލް ސުލައިމާނީގެ ޖާނާޒާގެ ބައެއް ކަންކަން އަންގާރަ ދުވަހު ކުރިއަށްދިޔަ ވަގުތު މީހުން ފިތި ބާރުވެގެން ހިނގި ހާދިސާތަކުގައި ބަޔަކު މަރުވެފައިވާއިރު، ޒަހަމްވީ މީހުންގެ އަދަދު 200 އަށް އަރާފައިވާކަމަށް ޚަބަރު ލިބެއެވެ.

އީރާނުގެ ނުފުޒޫގަދަ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ސުލައިމާނީގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: އިންޑިޕެންޑެންޓް

މިހާދިސާތަކާ ގުޅިގެން ސުލައިމާނީ ވަޅުލުން އިއްޔެ ފަސްކުރުމަށްފަހު، މިއަދު ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ ވަޅުލާފައެވެ. މިއަދު ފަތިހުގެ ވަގުތެއްގައި ސުލައިމާނީ ވަޅުލާފައިވަނީ އޭނާގެ އުފަން ވަޒަން ކަމަށްވާ ކިރްމާންގައެވެ.

ސުލައިމާނީގެ މަރާއެކު މެދުއިރުމަތީގައި އެމެރިކާއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކޮށްފާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ސުލައިމާނީގެ މަރަށް ބަދަލު ހިފާނެ ކަމަށް އީރާނުން އިންޒާރުކޮށް، އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ 2 މަރުކަޒަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، އީރާނުގެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެކަމަށް އެމެރިކާއިންވެސް ވަނީ އިންޒާރުކޮށްފައެވެ.