ސޯޝަލް މީޑިއާއަކީ އޭގެ ފަސޭހަ ކަމާ އެއްވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް އޭގެ ނޭދެވޭ އަސަރު ކުރާ ޕްލެޓްފޯމެއް ކަމާ މެދު ދެބަސްވެވެން އޮތް ފުރުސަތު، އެއް ދުވަހުން އަނެއް ދުވަހަށް މިދަނީ ހަނިވަމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮސްޓްރޭލިއާގައި ރޯވަމުންދާ އަލިފާންގަނޑުތަކާ ގުޅިގެންވެސް ސޯޝަލް މީޑިއާގައި ދަނީ މިފަދަ ހާދިސާތައް ހިނގަމުންނެވެ. އެގޮތުން އެންމެ ވަރުގަދައަށް ފެތުރުނު އެންމެ ބޮޑު ދޮގު ޚަބަރަކީ، އޮސްޓްރޭލިއާގެ އެކި ހިސާބުތަކުން އަނގުރު އަލިފާން އަރާ، އަލިފާން ފަރުބަދައެއްހެން އޮސްޓްރޭލިއާ އަނދަމުންދާ މަންޒަރު ސިފަވާ ގޮތަކަށް ފެންނަ ތަސްވީރެކެވެ.

1 މަސްދުވަހުގެ ތެރޭގައި އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ރޯވި އަލިފާންގަނޑުތައް އެއް ތަސްވީރަކަށް ފެންނަ ގޮތަށް ކުރެހުންތެރިއަކު ތައްޔާރުކުރި ކުރެހުން/ފޮޓޯ: އެންތަނީ ހާސޭ

އެއީ އޮސްޓްރޭލިއާ އަނދަމުންދާއިރު މަތިން ނަގާފައިވާ މަންޒަރެއް ކަމަށް ގިނަ މީހުން ހީވެ، އެ މަންޒަރު ހިއްސާކުރަމުންދިޔައެވެ. ނަމަވެސް ހަގީގަތުގައި މިއީ ކުރެހުންތެރިއެއްގެ މަސައްކަތެކެވެ. އޭނާ މި ކުރެހުމުގައި ހިމަނާފައިވަނީ، ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި އަލިފާނުގެ އަސަރު ފެނުނު އެކި ހިސާބުތައް އެއްކޮށްގެން ހަދާފައިވާ ތަފާސް ހިސާބުތަކުގެ ޗާޓެކެވެ. މިއީ ހަގީގީ ފޮޓޯއެއް ކަމަށް ހިތާ، މި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރި ބައެއް ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ލަވަކިއުންތެރިޔާ އަދި ފެޝަން ވިޔަފާރިވެރިޔާ ރިއާނާވެސް ހިމެނެއެވެ.

މި ތަސްވީރުގެ އިތުރުންވެސް ތަފާތު އެކި ގޮތްގޮތަށް، ނުބައި މާނަތައް ކުރެވިގެން ސޯޝަލް މީޑިއާގައި ފޮޓޯތައް ވަނީ ދައުރުކޮށްފައެވެ. އެގޮތުން އޮސްޓްރޭލިއާ ވަށައިގެން ކަހަލަ ގޮތަކަށް އަލިފާންގަނޑުތަކުގެ ރަމްޒު ބޭނުންކޮށްފައިވާ ޗާޓުތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، އެއީ އާންމު ބިމުގެ ސަތަހައަށްވުރެ ހޫނުކަން އެކުލެވޭ ސަރަހައްދުތައް ފާހަގަކުރުމަށް ބޭނުންކޮށްފައިވާ ޗާޓެކެވެ. ދުން ހޮޅިތަކުން އަރާ ދުންވެސް، މި ޗާޓުގައި ހިމަނާފައިވެއެވެ.

ހޫނު އަރާ ހިސާބުތައް ފާހަގަކޮށްފައިވާ ޗާޓް. މިއީވެސް އަލިފާން ރޯވެފައިވާ ހިސާބުތައް ކަމަށް ބައެއް މީހުންނަށް ހީވި/ފޮޓޯ: ޓްވިޓާ

އާންމުން ހޭލުންތެރިކުރުވުމުގެގެ ގޮތުން ކަމުގައި ވީ ނަމަވެސް، ދެވަނަ މީހަކަށް ފޯރާ ގޮތަށް މައުލޫމާތެއް ދޫކޮށްލާއިރު، އެއީ ސައްހަ މައުލޫމާތު ތޯ އެއް މަސްދަރަށްވުރެ ގިނަ މަސްދަރުން ކަށަވަރު ކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. އަދި އެމީހަކު ހިއްސާކުރާ މައުލުމާތުގައިވާ އެއްޗަކީ، ޚުދު އެމީހަކަށް ފަހުމުވެ، ސާފުވެގެން މެނުވީ ސޯޝަލް މީޑިއާއަށް ދޫކޮށް ނުލާށެވެ.