ރާއްޖޭގެ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖާއި ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅާނެ ކަމަށެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށް ބޭނުންވާ ގާނޫނު އެކުލަވާލުމަށް ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާއިރު، މިނިމަމް ވޭޖު ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށް މިނިމަމް ވޭޖް ބޯޑެއް ވަނީ އެކުލަވާލާފައިވެއެވެ.

މިނިމަމް ވޭޖް ބޯޑަކީ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރައީސް އެކުލަވާލައްވަން ލާޒިމް ކުރާ ބޯޑެކެވެ. އެ ގާނޫނުގައި ބުނެފައި ވަނީ، އެކިއެކި ވިޔަފާރި ކުރާ ތަންތަނާއި އެނޫންވެސް މަސައްކަތްތައް ކުރާ ތަންތަނު ގައި މުވައްޒަފުން މަސައްކަތް ކުރަމުން ދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑެއް އޮންނަން ވާނެ ކަމަށެވެ.

އެންމެ ކުޑައުޖޫރަ ކަނޑައެޅުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.