ނަކަލު ކޮށްފައިވާ ސޮއިއެއް ބޭނުންކުރެއްވި މައްސަލައެއްގައި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ސަސްޕެންޑް ކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނުގުއި ބުނީ، މެޖިސްޓްރޭޓް އަބްދުއްރައްޒާގު ސަސްޕެންޑް ކުރުމަށް ނިންމާފައި ވަނީ، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީއަތަށް ދ.ވާނީ، ވިލާޑީހައުސް، އަބްދުއްރައްޒާގު ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮއި އަކީ ނަކަލުކޮށްފައިވާ ސޮއެއް ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދާތީ ކަމަށެވެ.

ޖޭއެސްސީން ބުނީ، ފުލުހުން އެ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއާ ގުޅިގެން މެޖިސްޓްރޭޓް އަބްދުއްރައްޒާގުގެ ސުލޫކީ މައްސަލައެއް ބެލުމަށާއި، ޖޭއެސްސީގެ ގާނޫނުގެ ދަށުން އޭނާ ފަނޑިޔާރުކަމުގެ މަސައްކަތުން މިއަދުން ފެށިގެން ވަގުތީގޮތުން ދުރުކުރުމަށް އެ ކޮމިޝަނުން މިއަދު ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

މެޖިސްޓްރޭޓް އަބްދުއްރައްޒާގު ސަސްޕެންޑް ކުރުމަށް ޖޭއެސްސީން މިއަދު ނިންމާފައިވާއިރު، ފާއިތުވި އަހަރު ތެރޭގައި ޖޭއެސްސީން ވަނީ ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބަލާ، ގިނަ ފަނޑިޔާރުންނާއި މެދު ފިޔަވަޅު ވެސް އަޅާފައެވެ. އެގޮތުން ނަސޭހަތްތެރިކަމުގެ ފިޔަވަޅާއި މަގާމުން ދުރުކުރުމުގެ ފިޔަވަޅު ވެސް ޖޭއެސްސީން ވަނީ ފަނޑިޔާރުންނާއި މެދު އަޅާފައެވެ.