އިއްޔެ ހެނދުނު އެމްއެންޑީއެފުން ނޫސްތަކާ ހިއްސާ ކުރި ހަބަރަކީ 3 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް މުދާ އުފުލާ "ޓީޓީއެސް ފާން" ނަމަކަށް ކިޔާ ދޯންޏެއް ކ.ކަގި ކައިރިއަށް ފަރަށް އަރައިގެން އުޅޭ ކަމުގެ ހަބަރެވެ. އަދި އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފާށް އިއްޔެ 8:09 ހާއިރު ލިބުމުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދީފައިވެއެވެ.
އެމްއެންޑީއެފުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ޓީޓީއެސް ފާން ދޯނިން ދަތުރުކުރީ ދެ ބިދޭސީއަކާއި ދިވެއްސެއް ކަމަށެވެ. އަދި ދޯނީގެ ކައްޕި އަކަށް ހުރި ހދ. ކުޅުދުއްފުށި/ހަވީރީނާޒް، 37 އަހަރުގެ މުހައްމަދު ޔޫސުފް ގެއްލިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ. އެ ދޯނި ފަރަށް އެރީ މިދިޔަ އާދިއްތަ ދުވަހު ނަމަވެސް، ދޯނިން މީހަކު ގެއްލިގެން އުޅޭކަމަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކައްޕި ގެއްލުނު ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާއިރު، މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް 'ދަ ޕްރެސް' އިން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބްދުލް ލަތީފަށް ގުޅުމުން، އޭނާ ވިދާޅުވީ، ކައްޕި ގެއްލުނު ހާދިސާއާ ގުޅިގެން އެއްވެސް ރަސްމީ އިދާރާއަކުން މައުލޫމާތު ސާފުވެފައި ނުވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ހޯދުމަށް މިހާރު އެމްއެންޑީއެފްގައި އެދިފައިވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ، މިކަމާ ގުޅިގެން އެ ކައުންސިލުން އާއިލާއާ ބައްދަލު ކުރުމުން ޓީޓީއެސް ފާން ދޯނި ނިސްބަތްވާ ކުންފުނިން އާއިލާއާ ހިއްސާ ކޮށްފައިވާ ބައެއް މައުލޫމާތު އާއިލާއިން ކައުންސިލާ ހިއްސާ ކޮށްފައިިވާ ކަމަށެވެ. އެގޮތުން، ފަރަށް އެރި ޓީޓީއެސް ފާން ދޯނިން ދަތުރު ކުރީ 3 މީހުން ނޫން ކަމަށާއި، 4 މީހަކު ދަތުރު ކުރި ކަމަށް ވާއިރު އޭގެތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށް ވެއެވެ. އަދި ދޯނި ފަރަށް އެރުމުން، އެ ހާދިސާ ރިޕޯޓް ނުކޮށް، ދޯނީގައި ތިބި މީހުން އަމިއްލައަށް ދޯނި ފުން ކުރުމުގެ މަސައްކަތް ކުރި ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް، ގެއްލިގެން ހޯދާއިރު، ދޯނި ފަރަށް އަރާފައި އޮއްވައި، ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯއިން ވެސް އޭގައި ތިން މީހަކު ތިބި ތަން ފެނެއެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި ދޯނީގެ ކޮޅުފަސްކޮޅުގައި ދެ މީހުން ތިބި އިރު ވީލްހައުސް ކައިރީގައި އެކަކު ހުއްޓެވެ. އޭނާ ގެއްލިފައި ވާކަމަށް އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިއަދުއެވެ. ނަމަވެސް އެ ދޯނި ފަރަށް އަރާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އާއިލާއިން ބުނީ، ދޯނި ފަރަށް އެރުމާ ގުޅިގެން، ހާދިސާއެއް ހިނގައިގެން އުޅޭ ކަން ވެސް ކައްޕި ޔޫސުފް އާއިލާއަށް ގުޅާ އަންގާފައި ނުވާ ކަމަށެވެ. މި ހާދިސާގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުގެ ސަބަބުން ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މި ހާދިސާގެ ތަހުގީގު ކުރިއަށް ދާތީ އެއްވެސް މައުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށް ފުލުހުން 'ދަ ޕްރެސް' އަށް ބުނެފައިވީ ނަމަވެސް، އާއިލާއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުގައި މި މައްސަލައާ ގުޅިގެން ނ. އަތޮޅުގެ މީހަކުގެ ބަޔާން ނަގާފައިވެއެވެ.
އެމްއެންޑީއެފުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކައްޕި ޔޫސުފް ގެއްލުނު އިރު އޭނާގެ ފޯނާއި ދަބަސް ވެސް އޮތީ ދޯނީގައެވެ. އަދި އޭނާ ހޯދުމަށް އެމްއެންޑީއެފްގެ ޑައިވަރުން ކުރި މަސައްކަތުން، އެ ސަރަހައްދުގެ އަޑިން މާސްކަކާއި ބޮކްސާ ވައްތަރުގެ ސޯޓެއް ފެނިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ. އޭނާ ހޯދުމުގެ މަސައްކަތް އެންއެންޑީއެފުން އަދިވެސް ދަނީ ކުރަމުންނެވެ.
'ދަ ޕްރެސް' އަށް މައުލޫމާތުދެމުން ކައްޕި ޔޫސުފްގެ ގާތް ރަހްމަތްތެރިޔެއް ކަމަށްވާ އާދަމްބެ ބުނީ، އޭނާ ކުރިން މަސައްކަތް ކުރީ ތެޔޮ ދޯންޏެއްގައި ކަމަށާއި، މުދާ އުފުލާ ދޯންޏަށް ބަދަލުވީ ދާދި ފަހުން ކަމަށެވެ. ކައްޕިއާ އެއްވެސް މީހަކާ ހަމަނުޖެހުމެއް ހިނގާފައިވޭތޯ ސާފު ކުރުމަށް 'ދަ ޕްރެސް' އިން ކުރި ސުވާލުތަކަށް ޖަވާބުދެމުން އާދަމްބެ ބުނީ ޔޫސުފަކީ ވަރަށް މީހުންނާއި ގުޅޭ، މަޑުމައިތިރި މިޒާޖެއްގެ ރަނގަޅު މީހެއް ކަމަށެވެ. އަދި އެއްވެސް މީހަކާ މައްސަލައެއް ޖެހިފައި އޮތް މީހެއް ކަމަށް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް އާދަމްބެ ބުނެއެވެ.
ކައްޕި ގެ ޕޮލިސް ރިކޯޑް ބަލާލަބަލަ