އިންޑިއާގެ އެންމެ ގަދަރުވެރި ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ ޖަވާހަރުހާލާލު ނެހްރޫ ޔުނިވާސިޓީގެ ދަރިވަރުންތަކަކަށް އަމާޒުކޮށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބަޔަކު ދިން ހަމަލާތަކުގައި ބޮޑެތި ޒަހަމްތަކެއް ލިބުނު ދަރިވަރުންގެ ޔޫނިއަންގެ ރައީސް އައިޝޭ ގޫޝްއާ ދެކޮޅަށް އިންޑިއާގެ ފުލުހުން ދައުވާގެ މައްސަލައެއް ހުށަހަޅައިފިއެވެ.

އައިޝޭ ގޫޝްއާއާއި އިތުރު 19 ދަރިވަރަކާ ދެކޮޅަށް އިންޑިއާގެ ފުލުހުން ހުށަހަޅާފައިވާ ދައުވާއަކީ، ޖޭއެންޔުގެ ސާވާ ރޫމަށް ގެއްލުން ދިން ކަމަށް ބުނާ މައްސަލައިގެ ދައުވާއެވެ.

ކަންމިހެން އޮތްއިރު އައިޝޭ ގޫޝްއާއި އިތުރު ދަރިވަރުންތަކަކަށް ސީރިއަސް އަނިޔާތަކެއް ކުރި މީހުންގެ ތެރެއިން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. މި ހަމަލާތަކުގައި 31 ދަރިވަރަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާއިރު، މި ދަރިވަރުންނަށް ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެން ތިބި 50 މެމްބަރުންގެ ޖަމާއަތަކުންނެވެ. އެއީ ހުސް ފިރިހެނުން ކަމަށްވެސް ޚަބަރު ލިބެއެވެ. މި ޖަމާއަތުން ޔުނިވަސިޓީ ތެރެއަށް ގަދަ ބާރުން ވަދެ، ދަރިވަރުންނާ ޓީޗަރުންނަށް އަނިޔާކޮށްފައިވަނީ ދަގަނޑު ރޮޑާ، ލަޓިބުރީގެ އިތުރުން ސްލެޖްހެމާ ބޭނުންކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ޔުނިވާސިޓީގެ މުދަލާ ތަކެއްޗަށްވެސް މި ޖަމާއަތުން ގެއްލުން ދީފައިވާކަމަށް ޚަބަރު ލިބެއެވެ.

ހޯމަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ދަރިވަރުންގެ ޔޫނިއަންގެ ރައީސް ވަނީ، އާދީއްދަ ދުވަހުގެ ހަމަނުޖެހުންތަކަކީ އެ ޔުނިވާސިޓީގައި ހިމެނޭ، އިންޑިއާގެ ވެރިކަން ކުރާ ހިންދޫ ބީޖޭޕީންގެ އެއްބާރުލުން ލިބިފައިވާ ކަނާތު ފިޔައިގެ (އޭބީވީޕީ) ގޮފިން ހިންގި ހަމަލާތަކެއް ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާފައެވެ. މިކަމަކީ ޖޭއެންޔޫގެ އިދާރީ ދާއިރާއާއި، ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކާ އޭބީވީޕީ ގުޅިގެން ހިންގި ޖަރީމާއެއް ކަމަށާ، ހަމަލާތައް އަމާޒުކޮށްފައިވަނީވެސް ވަކިވަކި ދަރިވަރުން ބަލައިގެން ކަމަށް އާއިޝޭ ގޫޝް ވަނީ ބުނެފައެވެ.

މިފަދަ ހާލެއްގައި ވަނިކޮށް އަނިޔާ ލިބުނު ދަރިވަރާ ދެކޮޅަށް ފުލުހުން ދައުވާގެ މައްސަލައެއް ހުށަހެޅުމަކީ އިހުތިރާމު ކުޑަ، ހައިރާންކުރަނިވި ނިންމުމެއް ކަމަށް ޖޭއެންޔޫގެ އެލަމްނައިއިން ވަނީ ފާހަގަކޮށްފައެވެ.

ޖޭއެންޔޫގެ ޓީޗަރުންގެ އިއްތިހާދުން ވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމުގައި ހުރި މީހާ އެ މަގާމުން ދުރުކުރުމަށް ޑިމާންޑްކޮށްފައެވެ.

ޖޭއެންޔޫގައި އަނިޔާ ލިބެމުންދާ ދަރިވަރުންނާ ދެކޮޅަށް އިންޑިއާގައި މިހާރު ދަނީ ފުޅާދާއިރާއެއްގައި މުޒާހަރާތަކާ އިހުތިޖާޖުތައް ކުރަމުންނެވެ. މި ހަރަކާތުގައި މަޝްހޫރު އެތައް ޝަހްސެއްވެސް ދަނީ ބައިވެރިވަމުންނެވެ.

ޖޭއެންޔޫގައި ހިނގައިގެން އުޅޭ ހަމަނުޖެހުންތަކާ، ދަރިވަރުންގެ ޔޫނިއަންގެ ރައީސްއާއި ދެކޮޅަށް އުފުލި މައްސަލައާއި ގުޅިގެން އިންޑިއާގެ ފުލުހުންގެ ބަހެއް، ބައިނަލްއަގުވާމީ މީޑިއާއަށް އަދި ހާމަކޮށްފައެއް ނުވެއެވެ.