މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުގެ ފުރަތަމަ އަހަރު ދަތުރުތަކަށް ހަރަދުވީ 2.8 މިލިއަން ރުފިޔާ ކަމަށާއި، ބޭރުގެ ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ލިބުނު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިކަން ހާމަ ކޮށްފައިވަނީ، މިނިސްޓަރު ޝާހިދު، 2018 ވަނަ އަހަރު ނޮވެމްބަރު 17 ވަނަ ދުވަހު ފެށިގެން 2019 ވަނަ އަހަރު ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް ކުރެއްވި ރަސްމީ ދަތުރުތަކާއި، ދަތުރުތަކުގެ ހަރަދުގެ ތަފްސީލް ހޯދުމަށް ދިވެހި ރައްޔިތަކު، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހެޅުމާއި ގުޅިގެންނެވެ.

ފޮރިން މިނިސްޓްރީން ބުނީ، 2018 ވަނަ އަހަރު، ނޮވެމްބަރު 17 އިން ޑިސެމްބަރު 31 އަށް މިނިސްޓަރު ޝާހިދު ރަސްމީ ދެ ދަތުރެއް ކުރައްވާފައިވާއިރު، މި ދެ ދަތުރުގެ ޖުމްލަ ހަރަދެއް ގޮތުގައި ހިނގާފައި ވަނީ 194000 ރުފިޔާ ކަމަށެވެ. އަދި 2019 ވަނަ އަހަރު ޖެނުއަރީ އެކަކުން ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރު ޝާހިދު ކުރެއްވި 18 ދަތުރުފުޅަކަށް ޖުމްލަ 2.6 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު ޝާހިދު މިނިސްޓަރު ކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ވީ އެއް އަހަރު ތެރޭގައި، ކުރައްވާފައިވާ ޖުމްލަ 20 ދަތުރަކަށް ޖުމްލަ 2.8 މިލިއަން ރުފިޔާ ވަނީ ހަކަރުވެފައެވެ. މިނިސްޓަރު ޝާހިދުގެ މިދަތުރުތަކަކީ އެކިއެކި ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައްދަލުކުރެއްވުމަށް އެގައުމުތަކަށް ކުރެއްވި ބައިލޭޓަރަލް ދަތުރުތަކަކާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އެކި ޖަމްއިއްޔާ ޖަމާއަތްތަކުގެ ހައި-ލެވެލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުތަކުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބައެއް ގައުމުތަކަށް ކުރެއްވި ފުރަމާނަ ދަތުރުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުތަކެކެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި މިނިސްޓަރު ޝާހިދުގެ މި ދަތުރުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މުޖްތަމައާއި ރާއްޖެއާއި އޮންނަ ގުޅުން ބަދަހި، ދޭދޭ ގުޅުންތައް ވަރުގަދަވެ، ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖޭގެ ހައްގު މަގާމް ރާއްޖެއިން މިއަދު ވަނީ ހޯދާފައެވެ.

ބައިނަލްއަގްވާމީ ގުޅުންތަކާއެކު، ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި އެމުއްދަތުގެ ތެރޭގައި ހެޔޮއެދޭ ބައެއް ގައުމުތަކުން، 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ދީފައިވާކަން ރައީސް ސޯލިހް ވަނީ މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފާހަގަކުރައްވާފައެވެ. އަދި އަބޫދާބީން 2019 ވަނަ އަހަރު ރާއްޖެއަށް ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު ވަނީ 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދީފައި ކަމަށް މިނިސްޓަރު ޝާހިދާއި ހަވާލާދި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އެ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާ މިނިސްޓްރީ އޮފް ފިނޭންސް އިން މިހާރު ދަނީ ކުރިއަށް ގެންދަމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.