ވޯޓާ ސޭފްޓީ ޕްރޮގްރާމް ގެ ދަށުން މީހުން ދިރިއުޅޭ 19 ރަށެއްގައި ބީޗް ސްކައުޓުން ނުވަތަ ލައިފް ގާޑުންގެ ބޭތިއްބުމަށް ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖެއަކީ ފަތުރުވެރިންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި، އަމާން އަދި މަގުބޫލް މަންޒިލެއްގެ ގޮތުގައި ކަށަވަރުކުރުމަށް މިނިސްޓްރީން އިސްނަގައިގެން ފުލުހުންނާއި އެމްއެންޑީއެފާ ގުޅިގެން ވޯޓާ ސޭފްޓީ ޕްރޮގްރާމެއް ފައްޓާފައިވާ ކަމަށެވެ. އަދި އެޕްރޮގްރާމްގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މޫދަށް އެރޭ ސަރަހައްދުގައި ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ސޭފްޓީ ބޯޑު ބަހައްޓައި ބީޗް ސްކައުޓުން ބޭތިއްބުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް މަދުވެގެން 100 ޓޫރިސްޓް އެނދު ގާއިމުކޮށްފައިވާ 19 ރަށުގައި ބީޗް ސްކައުޓުން ގެ ނަމުގައި ލައިފް ގާޑުން ބޭތިއްބުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް މިއަދު ހުޅުވާލާ ކަމަށެވެ.

ލައިފް ގާޑުން ބޭތިއްބުމަށް ނިންމާފައިވާ ރަށްތައް:

  • ބ. ދަރަވަންދޫ
  • އއ. ރަސްދޫ
  • އއ. ތޮއްޑޫ
  • އއ. އުކުޅަސް
  • އދ. ދިގުރަށް
  • އދ. ހަންޔާމީދޫ
  • ކ. ދިއްފުށި
  • ކ. ގުޅި
  • ކ. ގުރައިދޫ
  • ކ. ހިންމަފުށި
  • ކ. ހުރާ
  • ކ. ހުޅުމާލެ
  • ކ. މާފުށި
  • މާލެ ސިޓީ
  • ކ. ތުލުސްދޫ
  • ކ. ވިލިގިލި
  • ވ. ތިނަދޫ
  • ލ.ގަން
  • އައްޑޫ ސިޓީ

މިނިސްޓްރީން ބުނީ ބީޗް ސްކައުޓެއްގެ މައިގަޑު ޒިންމާތަކުގެ ތެރޭގައި ފަތުރުވެރިންނަށް ސޭފްޓީ ބްރީފިން ދިނުމާއި އެދުވަހެއްގެ މޫސުމާއި ރަށުގެ ވެއްޓާބެހޭ މައުލޫމާތު ދިނުން ހިމެނޭ ކަމަށެވެ. އަދި މޫދަށް އެރިއުޅުމުގައި ސަލާމަތީ ގޮތުން ހިފަހައްޓަންޖެހޭ މިންގަނޑު ހިފަހައްޓާތޯ ބަލާ، މީހުން މޫދަށް އެރި އުޅެނީ މޫދަށް އެރެން ކަނޑައެޅިފައި އޮންނަ ސަރަޙައްދު ގެތެރޭގައިތޯ ބެލުންވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މޫދަށް އެރިއުޅުމުގައި ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ފުރަތަމަ އެހީފޯރުކޮށްދިނުމުގެ ގާބިލުކަން ހުރުމާއެކު މޫދަށްއެރެން ކަނޑައެޅިފައި އޮންނަ ސަރަޙައްދަކީ މޫދަށް އެރޭ ފަރާތްތަކަށް ރަހުމަތްތެރި އަދި ރައްކާތެރި މާހައުލަކަށް ހަދައި ފަތުރުވެރިންނާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ލައިފް ސޭވިން އިކުއިޕްމެންޓް އަދި އިމަޖެންސީ ހާލަތެއްގައި ބޭނުންކުރަން ހުންނަ ތަކެތި ބޭނުންކުރުމާއި ބެލެހެއްޓަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.