ފަރަށް އެރި ދޯނިން ގެއްލުނު ދޯނީގެ ކައްޕި މުހައްމަދު ޔޫސުފާއި ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލުނު ނަސްރުﷲ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ލޯންޗު އެކްސިޑެންޓުގައި ގެއްލުނު ނަސްރުﷲ ހޯދުމަށް ކޯސްޓުގާޑުގެ ޑައިވަރުން މިއަދުވެސް އެ ސަރަހައްދުގައި ޑައިވްކުރަމުންދާ ކަމަށެވެ. އަދި ކޯސްޓްގާޑުގެ ލޯންޗުން ކަނޑުގެ ސާފޭސް ބަލަމުންދާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު އެކްސިޑެންޓުވި ޑިންގީގެ ބައެއް ވަނީ ފެނިފައެވެ. އެގޮތުން ޑިންގީގެ އިންޖީނުގެ މަތިގަނޑު ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ.
ފަރަށް އެރި ދޯނިން ގެއްލުނު ކައްޕި ހޯދުމަށް ވެސް އެމްއެންޑީއެފުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ އިރު އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެގޮތުން މިއަދުވެސް ކޯސްޓުގާޑުގެ ޑައިވަރުން ޑައިވް ކުރަމުން ދާ ކަމަށާއި ކޯސްޓުގާޑުގެ ލޯންޗު "ނޫރައްދީން ލޯންޗު" ކަނޑުގެ ސާފޭސް ބަލަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެ ދޯނި ފުންކުރުމަށް ދޯނީގެ ވެރިފަރާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދޯނީގެ ކައްޕި ހޯދުމަށް ޑައިވަރުން ކަނޑުގެ ސަރަހައްދުަތަށް ބަލަމުންދަނީ އޮއިވަރަށް ބަލައިގެން ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ކ. ކަގި ފަރަށް އެރި މުދާ އުފުލާ ދޯނީގެ ކައްޕި ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފައި ވަނީ މިއަދުއެވެ. އެމްއެންޑީއެފުން މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ އެ ދޯނި ފަރަށް އެރިފަހުން ވެސް ތިން މީހަކު ދޯނީގައި ތިބިކަމަށް ބުނެ ސޯޝަލް މީޑިއާގަި ވާހަކަ ދެކެވިފައި ވަނިކޮށެވެ. ދޯނި ފަރަށް އަރާފައި އޮއްވައި، ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯއިން ވެސް އޭގައި ތިން މީހަކު ތިބި ތަން ފެނެއެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި ދޯނީގެ ކޮޅުފަސް ކޮޅުގައި ދެ މީހުން ތިބި އިރު ވީލްހައުސް ކައިރީގައި އެކަކު ހުއްނަ ތަން ފެނެއެވެ.