ސްރީލަންކާގެ ފުލުހުން އެ ގައުމުގައި ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ހައްޔަރުކުރި 12 ދިވެހިންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު އިތުރުކޮށް، ބާކީ ތިބި އެންމެން ދޫކޮށްލައިފިއެވެ.
އިއްޔެ ލަންކާ ފުލުހުން ވަނީ އެ ގައުމުގައި ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން 12 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ވިސާއާ ނުލައި ސްރީލަންކާގައި އުޅުމާއި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓް ގެންގުޅުމާއި ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރު ތެރޭގައި އުޅުމުގެ ތުހުމަތުތައް ހިމެނެއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ތިން ކުޑަކުދިންވެސް ހިމެނެއެވެ.
ލަންކާގެ ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް މައްސަލަ ފޮނުވީ ތިން މީހެއްގެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވިސާ ނެތި އެ ގައުމުގައި ހަމަސް ދުވަހު އުޅުނު މީހަކާއި ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރުގައި އުޅެ، އެގައުމަށް އެތެރެ ކުރުން މަނާ ސިގިރެޓްގެ ބާވަތެއް ބޭނުން ކުރި މީހެކެވެ. މީގެ އިތުރުން ނުވަ މަސް ދުވަހު ވިސާ ނެތި ލަންކާގައި އުޅެ، އަދި ދިވެހި ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާތާ 8 މަސްވެފައިވާ މީހެއްގެ މައްސަލައެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިއްޔެ ހައްޔަރުކުރި 12 މީހުންގެ ތެރެއިން މިހާރު ބަންދުގައި ހުރީ އެންމެ މީހެއް ކަމަށާއި ބާކީ ތިބި އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. އެގޮތުން ނުވަ މަސް ދުވަހު ވިސާ ނެތި ލަންކާގައި އުޅެ، އަދި ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާތާ އަށް މަސްވެފައިވާ މީހާގެ ބަންދުގެ މުއްދަތު ދިހަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ވިސާ ނެތި އެ ގައުމުގައި އުޅުނު މީހާ އާއި ލަންކާއަށް އެތެރެކުރުން މަނާ ސިގިރެޓްގެ ބާވަތެއް އެތެރެކޮށް، ބޭނުންކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ސްރީލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިިޔަ ނުވަ މީހުންގެ ތެރެއިން ތިން ކުޑަދިންނާއި އެކުދިންގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު އެމީހުންގެ ޕާސްޕޯޓް ނެތުމުންނެވެ. އަދި އެމީހުންގެ ޕާސްޕޯޓާއި ވިސާ ޖެހުމަށް ލަންކާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމުގެ ލިޔުން ގެނައުމުން އެމީހުން ވަނީ ދޫކޮށްލާފައެވެ.
މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި އާއްމު ތަންތާނގައި ނޫޅުމަށާއި ގޭގައި ތިބޭއިރުވެސް ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭނެ ގޮތަށް ޕާސްޕޯޓްތައް ބެހެއްޓުމަށް ލަންކާ ސަރުކާރުން ވަނީ އަންގާފައެވެ.
ލަންކާގައި ތިބުމުގެ ވިސާގެ މުއްދަތު ހަމަވުމުން، ވިސާ އާ ނުކޮށް އެގައުމުގައި ތިބުމަކީ ގާނޫނީ ކުށެކެވެ. އަދި މިގޮތަށް ގާނޫނާއި ހިލާފަށް އަމަލުކުރާ މަދު ބައެއްގެ ސަބަބުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާއްމުކޮށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ވަނީ ތަކުރާރުކޮށް ފާހަގަވެފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަތައް ނާޖާއިޒް ގޮތެއްގައި ބޭނުންކުރާ މަދު ބައެއްގެ ސަބަބުން އާއްމުކޮށް ދިވެހިންނަށް ދޭތެރޭ އެގައުމުތަކުން ދެކޭ ގޮތް ބަދަލުވެ، އެފަދަ ލުއިތަކާއި އިނާޔަތްތަކަށް ބުރޫ އެރުމަކީ ނުވެދާނެ ކަމެކެވެ.