އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި ރޯވެ، އަނދަމުންދާތީ އެކަމާ އިންތިހާއަށް ހިތާމަ ކުރައްވާކަމަށް މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓުގައި ވަނީ، އޮސްޓްރޭލިއާއަށް ކުރިމަތިވެފައިވާ ގައުމީ ކުއްލި ހާލަތުގައި، އެގައުމުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަމަށާއި، އަވަސް ގޮތަކުން އެކަމުން އަރައިގަނެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ޓްވީޓު ކުރައްވާފައި ވަނީ، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ރޯވެ ގަދައަށް އަނދަމުންދިޔަ އަލިފާންގަނޑުތައް ހިސާބަކަށް މަޑުޖެހި، ތުނިކޮށް ވާރޭވެހެމުންދާ ކަމުގެ ހަބަރުތައް ލިބިފައި ވަނިކޮށެވެ.

ރޯވަމުންދިޔަ ގަދަ އަލިފާންގަނޑުތައް މަޑުޖެހެން ފެށުމާއެކު، އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބެދިފައި އޮތް މަގުތައް ކޮންމެވެސް ވަރަކަށް ހުޅުވާ، އަލިފާންގަނޑުގެ ސަބަބުން އެކި ހިސާބުތަކުގައި ތާށިވެފައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ފަށާފައެވެ.

އާދަޔާ ހިލާފަށް ހޫނުގަދަވެ، ވައި ގަދަވުމުގެ ސަބަބުން މިދިޔަ ހަފުތާ ބަންދުން ފެށިގެން އިންތިހާ ނުރައްކާ ހާލުގައި އޮތް ސަރަހައްދަށްވެސް މިހާރު ފިނިވައި ޖެހެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މޫސުން ތެތްކޮށް އޮތުމުގެ ސަބަބުން، ކޮންޓްރޯލް ކޮށްގެން ހުޅުޖެހުމަށް ހުރަސްތައް ވަނީ ކުރިމަތިވެފައެވެ. ކޮންޓްރޯލް ކޮށްގެން ތަންތަން ރޯކުރަނީ، އާދަޔާ ހިލާފަށް ހޫނުގަދަވެގެންދާ ވަގުތު އަލިފާންގަނޑު ފެތުރިދާނެ ސަރަހައްދުތައް ކުޑަކުރުމަށެވެ.

އޮސްޓްރޭލިއާގައި ރޯވަމުންދާ ގަދަ އަލިފާންގަނޑުތަކާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 24 އަށް އަރާފައިވާކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.