ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރި ފްލައިޓާއި ސީޕްލޭންގެ އަދަދުގެ ރެކޯޑް އިއްޔެ އަނެއްކާވެސް ހެދިފައިވާ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި އިއްޔެ އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 811 އަށް އަރައި، މައި އެއާޕޯޓުގައި ފްލައިޓް މޫވްމެންޓް ރެކޯޑު ގާއިމުވެފައިވާ ކަމަށެވެ.

މިއީ މިގޮތަށް މިއަހަރުގެ ތެރޭ ރެކޯޑް އަދަދަކަށް ފްލައިޓްތައް ޖެއްސި ފުރަތަމަ ފަހަރެވެ. ނަމަވެސް މިދިޔަ މަހު ވަނީ ދެ ފަހަރެއްގެ މަތިން ރެކޯޑް ހަދާފައެވެ. އެގޮތުން، މިދިޔަ މަހުގެ 22 ވަނަ ދުވަހާއި އެއްވަނަ ދުވަހު ފްލައިޓް މޫވްމެންޓް ވަނީ ރެކޯޑް މިންވަރަކަށް އަރާފައެވެ.

ވީއައިއޭ ހިންގާ، އެމްއޭސީއެލުން ބުނީ އިއްޔެ ފްލައިޓް މޫވްމެންޓް 811 އަށް އަރާފައިވާ ކަމަށެވެ. އެގޮތުން 252 ފްލައިޓް ރަންވޭ ބޭނުންކޮށްފައި ވާއިރު، 559 ސީޕްލޭން މޯވްމެންޓް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

ރަންވޭއަށާއި ސީޕްލޭން ޓާމިނަލަށް ފްލައިޓް ޖެއްސުމާއި ފުރުމަކީ ވެސް އެއާކްރާފްޓް މޫމްމަންޓެކެވެ.

މިދުވަސް ވަރަކީ އާންމު ގޮތެއްގައި އެއާޕޯޓަށް ބާރުބޮޑު ދުވަސްވަރެކެވެ. ބޮޑު ޗުއްޓީ ދުވަސްވަރު ރާއްޖޭގެ އެތެރޭގެ އުދުހުންތައް އިތުރުވެއެވެ. އަދި ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ބައިނަލްއަގުވާމީ ދަތުރުތައްވެސް އިތުރުވެއެވެ.