އާ އަހަރާއި ދިމާކޮށް ފުލުހުން ކުރިޔަށް ގެންދިޔަ "ރިވެލި" އޮޕަރޭޝަން މިދިޔަ ހޮނިހިރު ދުވަހު ނިންމާލާފައިވާ ކަމަށާއި އެ އޮޕަރޭޝަންގެ ތެރެއިން 17 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ ރިވެލި އޮޕަރޭޝަންގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން މިދިޔަ މަހު 22 އިން މިދިޔަ ހޮނިހިރު ދުވަހާ ހަމަޔަށް ކުރިޔަށް ގެންދިޔަ އެ އޮޕަރޭޝަންގެ ތެރެއިން 17 މީހަކު ހައްޔަރުކޮށްފައިވާއިރު، 19 ވައްކަމުގެ މައްސަލަ އާއި ފޭރުމުގެ ހަ މައްސަލައެއް ހުށަހަޅާފައިވެއެވެ.

އޮޕަރޭޝަންގެ ދަށުން ކުށުގެ ރެކޯޑު އޮންނަ 306 މީހަކު ހުއްޓުވާ ސުވާލުކޮށް ފޮނުވާލާފައިވާ ކަމަށާއި ރެކޯޑު ނެތް 248 މީހަކާ ސުވާލު ކޮށްފައިވާ ކަމަށެވެ. އަދި ކުށުގެ ރެކޯޑު އޮތް 381 މީހަކު ބަލާ ފާސްކޮށްފައިވާއިރު ރެކޯޑެއް ނެތް 134 މީހަކު ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.

ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުގައި އޮޕަރޭޝަންގެ ދަށުން 3281 އުޅަނދެއް ޗެކްކޮށްފައިވާ އިރު ގަވައިދާ ހިލާފުވެފައި ވަނީ 825 ފަރާތެކެވެ.