މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

މިނިސްޓަރު އިމްރާނާއި މުނާޒް އިސްތިއުފާ ދިނުމަށް އިދިކޮޅުން ގޮވާލީ، މި ސަރުކާރުގެ ކިބައިގައި، ކަންކަން އިސްލާހު ކުރުމުގެ ގާބިލުކަން ނެތްކަމާއި، ޖަލުތައް ހިންގުން ހަރުދަނާ ކުރުމުގައި އަދި ގައިދީންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ފެއިލްވެފައިވާ ކަމަށް ބުނެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ މުނާޒް ފުލުހުން ގޮވައިގެން އިއްޔެ މާފުށީ ޖަލަށްވަދެ ގައިދީންނަށް އަނިޔާކޮށް ޕެޕާ ސްޕްރޭ ޖަހާ، ޖަލުގައި ހަމަނުޖެހުން ހިންގުމާ ގުޅިގެން އެ ކޯލިޝަނުން އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ކޯލިޝަނުން ވަނީ ޖަލުގައި ހިނގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތައް ތަހުގީިގު ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާފައެވެ.

އިދިކޮޅުން ބުނީ، ޖަލުގައި ތިބި ގައިދީންނަށް އަނިޔާ ކުރުމަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި، ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ނުބައި އަމަލެއް ކަމަށެވެ. އަދި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމާއި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމާއި އަދި އެފަރާތްތަކަށް ވެސް ރައްކާތެރި މާހައުލެއް ގާއިމްކުރުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ލާޒިމް ކުރާ ކަމެއް ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

މި ބަޔާނުގައި އިދިކޮޅު ކޯލިޝަނުން ވަނީ މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން 5 އަހަރު ދުވަހުގެ ސިޔާސީ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާ ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމަނިކުފާނުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އިދިކޮޅުން ވަނީ މި ސަރުކާރަށް ގޮވާލާފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، މީގެ ހައެއްކަ މަސް ދުވަސް ކުރިން ވެސް މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އަދި އެފަހަރުވެސް ގައިދީންނަށް ވަރަށް އިހާނެތިކޮށް އަނިޔާކޮށް، ބޯބާލާ، ޖިންސީ ގުނަވަންތަކަށް ޕެޕާސްޕްރޭ ޖެހުންފަދަ ލާއިންސާނީ އަމަލުތައް ހިންގާފައިވެއެވެ. އެ ހާދިސާއާ ގުޅިގެން މި ސަރުކާރުގެ ހޯމް މިނިސްޓަރު ޖަލުގެ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް ކަންކަން އިސްލާހުނުވެ މިފަދަ ކަންކަން އިތުރަށް ތަކުރާރު ވެގެން ދިއުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ބުނެއެވެ.