ކ. ކާށިދޫއިން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފުޅި ތަކަކާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 2:30 ހާއިރު ކާށިދޫ ޕޮލިސް ސްޓޭޝަނުން އެރަށް ޕެޓްރޯލް ކުރަމުންދިޔައިރު، ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފުޅި ތަކަކާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުގެ ދިވެހި އަންހެނަކާއި 30 އަހަރުގެ ސްރީލަންކާ މީހަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ކަމަށެވެ.

އެހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރިއިރު، ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދެ ފުޅި ފެނިފައިވާ ކަމަށެވެ. އަދި މައްސަލާގައި ހައްޔަރު ކުރި ކުޑަކުއްޖާއަކީ އާއިލާއަށް ފިލައިގެން އުޅޭ ކުއްޖެއް ކަމަށާއި އެކުއްޖާ މިހާރު އާއިލާއަށް ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާގެ، ގެ ބަލައި ފާސް ކުރިއިރު، އެގޭގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.