ސްރީލަންކާ ފުލުހުންގެ ފަރާތުން މުޅި ލަންކާގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 12 ދިވެހިންގެ ތެރެއިން 2 ފިރިހެނެއްގެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނީ، ލަންކާ ފުލުހުން ހިންގި އޮޕަރޭޝަނުގައި 12 ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވިސާއާ ނުލައި ސްރީލަންކާގައި އުޅުމާއި، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓް ގެންގުޅުމާއި، ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރު ތެރޭގައި އުޅުމުގެ ތުހުމަތުގައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ކުޑަ 3 ކުދިން ހިމެނޭ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 12 މީހުންގެ ތެރެއިން ދެ ފިރިހެނެއްގެ މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ، 9 މަސްދުވަހު ވިސާ ނެތި ލަންކާގައި އުޅެ، އަދި ދިވެހި ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާތާ 8 މަސްވެފައިވާ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކާއި، ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރުގައި އުޅެ، ސްރީލަންކާއަށް އެތެރެކުރުން މަނާ ސިގިރެޓްގެ ބާވަތެއް އެތެރެކޮށް، ބޭނުންކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ދެ މީހެއްގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ވިސާ ނެތި 6 މަސްދުވަހު ސްރީލަންކާގައި އުޅުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނަކު ވަނީ ޖޫރިމަނާ ދައްކަން އަންގައި، ކަފާލާތުގެ ދަށުން ދޫކޮށްލާފައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ސްރީލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިިޔަ 9 މީހުންގެ ތެރެއިން ކުޑަ 3 ކުދިންނާއި، އެކުދިންގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު އެމީހުންގެ ޕާސްޕޯޓް ނެތުމުންނެވެ. އަދި އެމީހުންގެ ޕާސްޕޯޓް، ވިސާ ޖެހުމަށް ސްރީލަންކާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމުގެ ލިޔުން ގެނައުމުން، އެމީހުން ވަނީ ދޫކޮށްލާފައެވެ.

ވިސާ ނެތި 1 ދުވަހު ސްރީލަންކާގައި އުޅުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނަކު މިއަދު ހެނދުނު ދޫކޮށްލާފައިވާއިރު، ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ކޮފީ ޝޮޕެއްގައި ތިއްބައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 4 ފިރިހެނުން ވެސް ވަނީ މިއަދު ދޫކޮށްލާފައެވެ.

މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި އާއްމު ތަންތާނގައި ނޫޅުމަށާއި، ގޭގައި ތިބޭއިރުވެސް ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭނެ ގޮތަށް ފަސޭހައިން ނެގޭގޮތަށް ޕާސްޕޯޓްތައް ބެހެއްޓުމަކީ ލަންކާ ސަރުކާރުން އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް އަންގާފައިވާ ކަންކަމެވެ. މިކަންކަމަށް ސަމާލުވުމަށް ސްރީލަންކާގެ ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ލަންކާގައި ތިބުމުގެ ވިސާގެ މުއްދަތު ހަމަވުމުން، ވިސާ އާ ނުކޮށް އެގައުމުގައި ތިބުމަކީ ގާނޫނީ ކުށެކެވެ. އަދި މިގޮތަށް ގާނޫނާއި ހިލާފަށް އަމަލުކުރާ މަދު ބައެއްގެ ސަބަބުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާއްމުކޮށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ވަނީ ތަކުރާރުކޮށް ފާހަގަވެފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަތައް ނާޖާއިޒް ގޮތެއްގައި ބޭނުންކުރާ މަދު ބައެއްގެ ސަބަބުން އާއްމުކޮށް ދިވެހިންނަށް ދޭތެރޭ އެގައުމުތަކުން ދެކޭ ގޮތް ބަދަލުވެ، އެފަދަ ލުއިތަކާއި އިނާޔަތްތަކަށް ބުރޫ އެރުމަކީ ނުވެދާނެ ކަމެކެވެ.