މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކަރެކްޝަނަލް ސާވިސްއާއި ފުލުހުންގެ ބަސް ތަފާތުވުމުން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
މިއަދުގެ ވަގުތެއްގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްއާއެކު ކަރެކްޝަންސްގެ އޮފިސްރުންނާއި އެސްއޯ ފުލުހުން މާފުށީ ޖަލުގައި ގައިދީން ތިބި ތަނަށް ގޮސް ކަރުނަ ގޭސް ޖަހައި ގޮޅިތަކުން ގައިދީން ނެރެ، ކުޑަކަކޫ ޖައްސާފައި ތިބި ކަމަށް ބުނާ އަޑުތައް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ.
ޖަލު ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނީ މާފުށީ ޖަލަށް ފުލުހުންގެ ދެ އޮފިސަރަކު ޒިޔާރަތް ކުރީ ރިމާންޑުގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން ގައިދީން ހަމަލާދިން މައްސަލައެއް ތަހުގީގު ކުރުމަށް ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާފުށީ ޖަލުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވުމަށް ކަރެކްޝަންސް އިން ފުލުހުންނަށް ދިން ދައުވަތަކަށް ދެ ފުލުހަކު އެތަނަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ތަހުގީގުތައް އަވަސް ކުރުމާ މެދު މަޝްވަރާކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މިފަދަ މައްސަލަތަކާ ގުޅިގެން އިދާރާތަކުގެ ބަސް ތަފާތުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ޖަލު އޮފިސަރުންނާއި ގައިދީންގެ ހައްގުތަކަކީވެސް ރައްކާތެރިކުރުވަން ޖެހޭނެ ކަމެއް ކަމަށެވެ. އާދަމް ޝަރީފު ވަނީ މިއަދުވެސް މާފުށި ޖަލުގެ ނަން ބަދަލުކުރުމަށް ގޮވާލައްވައިފައެވެ.
މާފުށީ ޖަލުގައި މިދިޔަ ހުކުރު ދުވަހު ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާފުށީ ޖަލުގައި މިދިޔަ ހުކުރު ދުވަހު ހަމަނުޖެހުން ހިނގަން މެދުވެރިވީ ގައިދީއަކު ޖަލު އޮފިސަރަަކަށް ހަމަލާދިނުމުން ރައްދުގައި އެ ގައިދީ އަށް އޮފިސަރު ހަމަލާދިނުމާ ގުޅިގެންނެވެ.