ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދަބު ލުއިކޮށްދެއްވި ކަމަށް ބުނެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގައިދީއަކު މިނިވަންކުރި ކަމަށް ބުނެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވަނީ މުނާޒްގެ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާ ކަން ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ހުށަހަޅާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ. އޭސީސީއަށް މިކަން ހުށަހަޅާފައި ވަނީ ރ.މަޑުއްވަރީ/މުސްތަރީގެ، އާދަމް ރިޝްވާންގެ އަދަބު ލުއިކޮށްދިނުމަށް އަންގައި ރައީސް އޮފީހުން ކަރެކްޝަނަލް ސާވިސަސް އަށް އަންގާ ފޮނުވި ސިޓީގެ ނަންބަރާއި ހަވާލާދީއެވެ. ނަމަވެސް، ރައީސް ސޯލިހް އަދަބު ލުއިކޮށްދެއްވި ކަމަށް ބުނެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމަށް މުނާޒް ވަނީ އަދަބު ލުއިކުރުމަށް އަންގާފައި ނުވާ ގައިދީއެއް ކަމަށްވާ ލ.ގަމު/އެދީވިލާގެ، މައުސޫމް މޫސާ މިނިވަން ކޮށްފައި ކަމަށް ވެސް އޭސީސީއަށް ހުށަހެޅި ސިޓީގައި ބުނެފައިވެއެވެ.

މީގެކުރިންވެސް ވަނީ މައާފު ނުދޭ ގައިދީން މިނިވަން ކުރި ކަމުގެ ވާހަކަތަކެއް ފެންމަތިވެފައެވެ. މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ގައިދީއަކަށް އަދަބު ލުއިކޮށްދެވޭނީ ނުވަތަ މާފުދެވޭނީ ހަމައެކަނި ރައީސަށެވެ. އަދި ގައިދީއަކު ހުކުމް ތަންފީޒުކޮށް ނުނިމެނީސް މިނިވަން ކުރެވޭނީ އަދަބު ލުކޮށްދިނުމުން ނުވަތަ މައާފު ދިނުމުންނެވެ.