ފުލުހުން މިއަދު މާފުށީ ޖަލަށް ގޮސްފައިވަނީ ބައްދަލުވުމަކަށް ކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، ފުލުހުން މިއަދު މާފުށީ ޖަލަށް ގޮސްފައި ވަނީ ބައްދަލުވުމަކަށް ކަމަށާއި، އޮޕަރޭޝަނަލީ އެއްވެސް ކަމެއްގައި ފުލުހުން ހަރަކާތްތެރިވެފައި ނުވާނެ ކަމަށެވެ.

އިޒްމިއާ މިހެން ވިދާޅުވީ، ކޮމިޝަނާ އޮފް ޕްރިޒަންސް، އަބްދުﷲ މުނާޒް ފުލުހުންނާއެކު ކ. މާފުށީ ޖަލަށް ވަދެ ގައިދީންނަށް އަނިޔާ ކުރާމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވަނިކޮށެވެ. އެގޮތުން ބައެއް ގައިދީންނަށް ހަމަލާދީ އެމީހުން ގަޔަށް ކަރުނަ ގޭސް ޖަހަމުންދާ ކަމަށާއި ގައިދީން ތިބީ ގޮޅިތަކުން ނެރެ، ކުޑަކަކުލަށް ތިރިކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް 'ދަ ޕްރެސް' އިން ކަރެންކްޝަންސް އަށް ގުޅުމުން އެފަރާތުން ބުނީ، ޕްރިޒަންސް ކޮމިޝަނާ މިހާރު ހުންނެވީ ޖަލުތެރޭގައި ކަމަށެވެ. އަދި ޖަލުން ނުކުންނަވައި މީޑިއާތަކާ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވެފައި ވާތީ، އިތުރު މައުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މާފުށީ ޖަލުގައި ތިބި ގައިދީންނަށް އަނިޔާ ކުރަމުންދާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް މާލޭ ޖަލުގައި ތިބި ގައިދީން ވެސް ދަނީ އިހުތިޖާޖު ކުރަމުންނެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މާލޭ ޖަލުގައި ތިބި ގައިދީން ދަނީ ގައިދީންނަށް ކުރާ އަނިޔާ ހުއްޓާލުމަށާއި، އަދުގެ ވެރިން ގާނޫނަށް އަމަލު ކުރުމަށް ގޮވާލާ އަޑުގަދަ ކުރަމުންނެވެ.