ކޮމިޝަނާ އޮފް ޕްރިޒަންސް، އަބްދުﷲ މުނާޒް ފުލުހުންނާއެކު ކ. މާފުށީ ޖަލަށް ވަނދެ ގައިދީންނަށް އަނިޔާ ކުރާމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް 'ދަ ޕްރެސް' އިން ކަރެންކްޝަންސް އަށް ގުޅުމުން އެފަރާތުން ބުނީ، ޕްރިޒަންސް ކޮމިޝަނާ މިހާރު ހުންނެވީ ޖަލުތެރޭގައި ކަމަށެވެ. އަދި ޖަލުން ނުކުންނަވައި މީޑިއާތަކާ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވެފައި ވާތީ، އިތުރު މައުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އެސްއޯ ފުލުހުންނާއެކު ޕްރިޒަންސް ކޮމިޝަނާ މާފުށީ ޖަލަށް ވަނދެ، ގައިދީންނަށް އަނިޔާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާއިރު، ބައެއް ގައިދީންނަށް ހަމަލާދީ އެމީހުން ގަޔަށް ކަރުނަ ގޭސް ޖަހަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި ގައިދީން ތިބީ ގޮޅިތަކުން ނެރެ، ކުޑަކަކުލަށް ތިރިކޮށްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން، ބައެއް ގައިދީން ބޭސްފަރުވާ ކުރުމަށް މާލެ ގެންގޮސް ދިނުމަށް ކަރެކްޝަންސްގައި އެދެމުންދާތާ 6 މަސް ވެފައިވާއިރު، ކަރެކްޝަންސް އިން އެކަން ކޮށްދީފައި ނުވާ ކަމަށް ވެސް ބައެއް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް، މިކަމާ ގުޅިގެން ކަރެކްޝަންސްގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

މާފުށީ ޖަލުގައި ތިބި ގައިދީންނަށް އަނިޔާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު، މާފުށީ ޖަލުގައި ޖަލު އޮފިސަރުންގެ ގަޔަށް ލޮނުމިރުސް ފެން ޖަހާ ހަމަނުޖެހުން ހިންގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ބުނެފައެވެ.