ކްރިމިނަލް ކޯޓުގައި މޯލްޑިވްސް އީކޯޓް މެނޭޖްމަންޓް ސިސްޓަމްގެ ކޭސް މެނޭޖްމަންޓް މޮޑިއުލް ބޭނުންކުރަން ފަށައިފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޓުން މިހާތަނަށް ކޭސްތައް މެނޭޖް ކުރަމުން ދިޔައީ މައިކްރޯސޮފްޓް އެކްސެލް ފައިލްތަކެއްގައި ލިޔެގެން ކަމަށެވެ. ނަމަވެސް، މިހާރު އެ ކޯޓުގައި މޯލްޑިވްސް އީކޯޓް މެނޭޖްމަންޓް ސިސްޓަމްގެ ކޭސް މެނޭޖްމަންޓް މޮޑިއުލް ބޭނުންކުރަން ޖެނުއަރީ 1 ވަނަ ދުވަހު ފަށާފައިވާ ކަމަށް އެ ކޯޓުން މައުލޫމާތުދެއެވެ.
ކްރިމިނަލް ކޯޓުން ބުނީ، ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާއި އެހެނިހެން އަމުރުތަކާއި ޑޮކިއުމެންޓްތައް ހަދަމުން ދިޔައީ މެނުއަލްކޮށް މައިކްރޯސޮފްޓް ވޯޑްގައި ކޮންމެ އެއްޗެއް ވަކިން ލިޔެގެން ކަމަށެވެ. އަދި އިލެކްޓްރޯނިކް ސިސްޓަމަކުން ކޭސް މެނޭޖްކުރަން ފެށުމާއެކު އެކްސެލް ޝީޓްތައް ދޫކޮށްލާފައިވާ ކަމަށް އެ ކޯޓުން މައުލޫމާތުދެއެވެ.
އީކޯޓް މެނޭޖްމަންޓް ސިސްޓަމްގެ އެކިބައިތަކުގެ ތެރެއިން ކްރިމިނަލް ކޯޓުން މިހާތަނަށް ބޭނުން ކުރަމުން ދިޔައީ، އެޓެންޑެންސާއި ޗުއްޓީއާއި ސަލާމްގެ ކަންކަން މެނޭޖް ކުރާ ބައެެވެ. އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް މެނޭޖް ކުރުމަށް ފަރުމާކުރި ކޭސް މެނޭޖްމަންޓް މޮޑިއުލްގެ ބައިތަކެއް ނިމިފައި ވާތީ އެބައިތައް ވެސް ކްރިމިނަލް ކޯޓުން މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ.
އެގޮތުން، އެ ކޯޓުގައި މިހާރު ހިނގަމުންދާ 1661 މައްސަލައިގެ މައުލޫމާތު ޑިސެމްބަރު 31 ވަނަ ދުވަހު ސިސްޓަމަށް ލާފައިވާ ކަމަށް އެ ކޯޓުން ބުނެއެވެ. ކްރިމިނަލް ކޯޓުން ބުނީ، މިއަދުން ފެށިގެން މައްސަލަތައް ތާވަލުކޮށް، ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާއި އެހެނިހެން އަމުރުތަކާއި ގިނަ ޑޮކިއުމެންޓްތަކެއް ސިސްޓަމުގެ ތެރެއިން އެޓްމެޓިކުން ނަންބަރު ޖެހިގެން ޖެނެރޭޓްވެގެން ދާނެ ކަމަށެވެ. މި ސިސްޓަމްގެ އެހީގައި ދެތިން ކްލިކް ކޮށްލައިގެން ކޯޓަށް ހާޒިރުވުމުގެ އަމުރެއް ތައްޔާރުކޮށް މިހާރު ޕްރިންޓް ކޮށްލެވޭނެއެވެ.
ކްރިމިނަލް ކޯޓުން ބުނީ، އާ މެނޭޖްމަންޓް ސިސްޓަމް އެއްކޮށް ޑިވެލޮޕްކޮށް ނިންމުމަށް އަދި ހައެއްކަ މަސް ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ސިސްޓަމް އެއްކޮށް ފުރިހަމަވާއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް މައްސަލަތައް ހުށަހެޅުމަށްޓަކައި އިލެކްޓްރޯނިކް ޕޯޓަލެއް ގާއިމްކޮށް، ކްރިމިނަލް ކޯޓުގެ ސިސްޓަމަށް އިލެކްޓްރޯނިކްކޮށް މައްސަލަތައް ފައިލް ކުރެވޭނެ ކަމަށް އެ ކޯޓުން ބުނެއެވެ. އެ ޕޯޓަލް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އެ ކޯޓުން މައުލޫމާތުދެއެވެ.