ލޯންޗު އެކްސިޑެންޓުގައި ގެއްލުނު ނަސްރުﷲ ހޯދުމުގެ އޮޕަރޭޝަނަށް 48 ގަޑި އިރަށްވުރެ ގިނަ އިރުވެފައިވީ ނަމަވެސް އަދިވެސް އެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ އެކި ސަރަހައްދުތަކަށް ބަހާލައިގެން އެ ސަރަހައްދު ތަކުގެ އޮޔާއި، ވައި ހުރިގޮތް ބަލައިގެން ޑައިވަރުންގެ ޓީމް ހަރަކާތްތެރިވަމުންދާ ކަމަށާއި ކަނޑުގެ އަޑިއަށް ޑައިވްކޮށްގެން ނަސްރުﷲ ފެނޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އޭނާ ހޯދުމަށް ކޯސްޓު ގާޑުގެ ލޯންޗު ބޭނުން ކޮށްގެން ކަނޑުގެ ސާފޭސް ވެސް ބަލަމުންދާ ކަމަށާއި އަދި މިހާތަނަށް އޭނާ ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތް ހުއްޓާލާފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ބ. ދޮންފަނު ކައިރިން ދޯންޏަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނު ނަސްރުﷲ ފެންނާނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. މި ހާދިސާގައި ފުލުހުނާއި އާންމުންގެ ގިނަ ބަޔަކު ގުޅިގެން ނަސްރުﷲ ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު އޭނާ ހޯދުމުގެ މަސައްކަތުގައި 15 އުޅަނދަކުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
އަދި ނަސްރުﷲ ހޯދުމަށް އެމްއެންޑީއެފްގެ "އެފްއައިސީ ފާމުލަދޭރި" ހަރަކާތްތެރި ވަމުންދާއިރު، އެ ސަރަހައްދު ކައިރީ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ނަސްރުﷲ ހޯދުމަށް ކަނޑުގެ ސާފެސް ބެލުމާއި، ނައިޓް ވިޝަން ކެމެރާ ވެސް ދަނީ ބޭނުން ކުރަމުންނެވެ.
ނަސްރުﷲ ގެއްލުނުތާ މިއަދަށް ތިން ދުވަސް ވާއިރު މިހާތަނަށް އޭނާގެ ހަބަރެއްވެސް އަދި އެކްސިޑެންޓް ހިނގި ވަގުތު އޭނާ ހުރި ޑިންގީވެސް ފެނިފައެއް ނުވެއެވެ.