ޗައިނާ އާ ގުޅިގެން މި އަހަރުވެސް އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ހޮސްޕޮޓަލުގައި ޗައިނާގެ އެހީގައި ގާއިމް ކުރާ ލޮލުގެ ބަލިތަކަށް ފަރުވާދޭ ކްލިނިކާ ގުޅޭ ގޮތުން ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓުތަކާ ގުޅިގެން ޝާހިދު ވިދާޅުވީ އެ މަޝްރޫއަކީ ޗައިނާ އާއި ރާއްޖެ ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުވެގެން ދިޔަ ކަމުގެ ހެއްކެއް ކަމަށެވެ.
މި އަހަރުގެ ތެރޭގައި އެ މަޝްރޫއާއި ދެ ފަރާތައް ފައިދާވާ އެހެން މަޝްރޫއުތަކުގައި ވެސް ޗައިނާއާ ގުޅިގެން އިތުރަށް ކައިރިން މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ރައްޔިތުންނަށް ފައިދާ ހުރި މިފަދަ ގިނަ މަސައްކަތްތައް މުސްތަގުބަލުގައި ވެސް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޗައިނާ ސަފީރު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ރަނގަޅު ކަންކަން އަންނަން އެބަހުރި ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމްކުރާ ލޮލުގެ ސެންޓަރަކީ ރާއްޖޭގައި ގާއިމްކުރާ މިފަދަ ފުރަތަމަ ސެންޓަރެވެ. ޗައިނާ ސަރުކާރުގެ އެހީގައި ގާއިމްކުރާ މި ސެންޓަރުގައި ލޮލުގެ ބަލިތަކަށް ހާއްސަ ކޭމްޕެއް ޖެނުއަރީ މަހު 7، 8 އަދި 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މި ކޭމްޕްގައި ފަރުވާދޭނީ ލޮލުގެ ބަލިތަކަށް ހާއްސަ ޗައިނާގެ މެޑިކަލް ޓީމަކުން ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެއެވެ.