އާ އަހަރާ ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ޗުއްޓީ ހޭދަކުރައްވަން ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭ މާލެއަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ޗުއްޓީ ހޭދަކުރައްވަން މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުރާވަޑައިގަތީ އަވަށްޓެރި ސްރީލަންކާއަށެވެ. ރައީސް ސޯލިހުގެ އާއިލާއާ އެކު ކުރެއްވި ހަތަރު ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އާއިލާއާ އެކު ޗުއްޓީ ހޭދަކުރައްވަން ރައީސް ކުރެއްވި މި ދަތުރުފުޅުގައި ވަނީ އެމަނިކުފާނުގެ އުފަން ދުވަސް އާއިލާއާއެކު ފާހަގަކުރައްވާފައެވެ. ރައީސް ސޯލިހުގެ އުފަން ދުވަހަކީ މޭ މަހުގެ ތިން ވަނަ ދުވަސް ކަމުގައި ވީ ނަމަވެސް އެމަނިކުފާނުގެ އާއިލާއިން އެ ދުވަސް ފާހަގަކުރައްވަނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ އެއްވަނަ ދުވަހުއެވެ.

ސްރީލަންކާއަށް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ވަޑައިގެންފައިވާއިރު. މިދިޔަ އޭޕްރީލް މަހު އެމަނިކުފާނު ވަނީ އަވަށްޓެރި އިންޑިއާއަށް ވެސް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. ރައީށް އިންޑިއާއަށް އޭރު ކުރެއްވި ދަތުރުފުޅަކީ އިންޑިއާ ޕްރިމިއާ ލީގް (އައި.ޕީ.އެލް) ގެ ކުރިކެޓް މެޗެއް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.