މާފުށީ ޖަލުގައި ޖަލު އޮފިސަރުންގެ ގަޔަށް ލޮނުމިރުސް ފެން ޖަހާ ހަމަނުޖެހުން ހިންގި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގި މައްސަލަ އެޗްއާރްސީއެމުން ބަލަމުންދާ ކަން އެ ކޮމިޝަނުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދީފައެވެ. އެޗްއާރްސީއެމުން ބުނީ، މިއީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލު ހާމަ ކުރެވެން ނެތް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރިމީހަކު، އޭނާ ބަހައްޓާފައި ހުރި ގޮޅިން ބޭސް ދިނުމަށް ނެރުނު ވަގުތުއެވެ. އަދި އޭނާ ޖަލު އޮފިސަރެއްގެ ގައިގައި ޖެހި ކަމަށް ބުނެ ޖަލު އޮފިސަރަކު އޭނާއަށް ހަމަލާދީފައިވާ ކަމަށާއި، މައްސަލަ ހޫނުވީ އޮފިސަރު ގައިދީ ގައިގައި ޖެހުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަދި ޖަލު އޮފިސަރު ހަމަލާ ދިނުމުން ގައިދީން ވަނީ ޖަލު އޮފިސަރުގެ ގަޔަށް ލޮނުމިރުސް ފެން ޖަހާފައެވެ. މައުލޫމާތު އެނގޭ ފަރާތަކުން ބުނީ ކަރެކްޝަން އޮފިސަރެއްގެ ގަޔަށް ލޮނުމިރުސް ޖަހާފައި ވަނީ ގައިދީއަކު ޑޮކްޓަރަށް ދައްކަން އެދުމުން އެކަން ކޮށް ނުދިނުމުންނެވެ. ނަމަވެސް އެ ގައިދީ ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓު ކޮށްފައެއް ނުވެއެވެ.
ޖަލުގައި ގެންދަނީ ބޭސް ފަރުވާ ދިނުމަށާއި ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލައި އަޑުގަދަވެސް ކުރަމުންނެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ރިމާންޑު ޖަލުގައި ތިބި މީހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވެސް ވަނީ ފަށައިފައެވެ. މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ، ޖަލުގައި ބަންދު ކުރެވޭ ގައިދީންގެ ފަރާތުން ޖަލު ބަލަހައްޓާ ކަރެކްޝަންސްގެ އޮފިސަރުންނަށް އަނިޔާ ލިބެމުން އަންނަ ކަމަށެވެ.
މުނާޒް ވިދާޅުވީ އެކަން ކުރާ މީހުންނަށް ހެޔޮ ވިސްނައިދީ އިސްލާހުކޮށް ރެހިބިލިޓޭޓުކޮށް މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ޖަލުން ނެރެ އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމަކީ ކަރެކްޝަންސް މުވައްޒަފުންގެ އަމާޒު ކަމަށެވެ. އަދި ކަރެކްޝަންސް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް ވެސް ކެތްތެރިކަމާއި އެކު އަޅަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.