މިދިޔަ ބުރާސްފަތި ދުވަހުގެރޭ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފައި ވާ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ލޯންޗުގެ ދުއްވަން އިން މީހާއަށް ކަމަށެވެ.

އަދި ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށްވެސް ބޮޑެތި އަނިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް އެ މީހުންގެ ހާލު ސީރިޔަސް ނޫން ކަމަށާއި ލޯންޗު ފަޅުވެރިޔަކަށް ހުރި ބިދޭސީ މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ލޯންޗުން ދުއްވަން އިން މީހާއަށް ވަރަށް ބޮޑަން އަނިޔާ ވެފައި ވާ ކަމަށެވެ. އެގޮތުން މޫނުގެ ކަށިގަނޑެއް ބިނދިފައި ވާ ކަމަށާއި ލޯ ވަރަށް ބޮޑަށް ދުޅަވެފައި ވާ ކަމަށް މައުލޫމާތު ދެއެވެ.

ފުރަތަމަ ފަރުވާ ދިނީ ބ. އަތޮޅު ހޮސްޕިޓަލުން ކަމަށާއި ނަމަވެސް އިތުރުފަރުވާއަށް އިއްޔެ ހަވީރު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައި ވާ ގޮތުގައި އޭނާގެ މޫނުމަތިން ބައެއް ވަރަށް ބޮޑަށް ކަފައިގެން ދިޔުމުގެ އިތުރުން އަތާއި އިނގިއްޔެއް ވަނީ ބިނދިފައެވެ. އަދި ދުލުގެ ނާރަކަށް ވެސް ވަނީ ގެއްލުންވެފައެވެ. އޭނާ ގެންދިޔައީ ކޮން ހޮސްޕިޓަލަކަށް ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

މި އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން އެކަކު މިއަދާ ހަމައަށް ކުރި މަސައްކަތުން ފެނިފާ ނުވާއިރު އޭނާގެ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ. އޭނާ ހޯދުމަށް ސިފައިން ވަނީ ލިބެންހުރި ހުރިހާ ވަސީލަތްތަށް ބޭނުންކޮށްގެން ބޮޑު އޮޕަރޭޝަނެއްވެސް ފަށާފައެވެ.

ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ މުޝްތަރީގެ، ނަސްރުﷲ އަބްދުﷲ އެވެ. ނަސްރުﷲ ގެއްލުނުތާ މިއަދަށް ތިން ދުވަސް ވެފައިވާއިރު މިހާތަނަށް އޭނާގެ ހަބަރެއްވެސް އަދި އެކްސިޑެންޓް ހިނގި ވަގުތު އޭނާ ހުރި ޑިންގީވެސް ފެނިފައެއް ނުވެއެވެ.