މިދިޔަ ބުރާސްފަތި ދުވަހުގެރޭ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނު ބ.އޭދަފުށީ ނަސްރުﷲ އަބްދުﷲ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ދާކަމަށް މިއަދު ސިފައިން މައުލޫމާތު ދީފިއެވެ.
ސިފައިން ބުނީ މިހާތަނަށް ކުރެވުމު މަސައްކަތުން ނަސްރުﷲ ފެނިފައި ނުވާ ކަމަށެވެ. އަދި މި އެކްސިޑެންޓުވި ޑިންގީވެސް ފެނިފައި ނުވާ ކަމަށް ސިފައިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ސިފައިން ބުނެފައި ވަނީ ނަސްރުﷲ އާއި އޭނާ ދަތުރުކުރި ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަދި އާއްމު ރައްޔިތުންނާއި ކައިރި ރިސޯޓުތަކުން ދަނީ ކުރަމުން ކަމަށެވެ.
މިކަމުގައި އިސްކޮށް ހަރަކަތްތެރިވާ އެމްއެންޑިއެފުން ބުނެފައި ވަނީ ނަސްރުﷲ ގެއްލުނު ސަރަހައްދު ނޭނގުމަކީ އޭނާ ހޯދަން އޮތް ގޮންޖެހުމެއް ކަމަށެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ އަޑިއަށް ދިޔަ ޑިންގީ ނުފެނުނު ނަމަވެސް ޑިންގީގައި ހުރި ބައެއް ތަކެތި އޮޔާ ދަނިކޮށް ކަނޑުމަތިން ފެނިފައި ވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ބ. ދޮންފަނު ކައިރިން ކަމަށާއި އެކްސިޑެންޓް ހިނގީ ދަރަވަންދޫން ފުރައިގެން ދިޔަ ޑިންގީއަކާއި ބ. އޭދަފުށިން ފުރައިގެން ދިޔަ ލޯންޗެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.