މާފުށި ޖަލުގައި އިއްޔެ ހިނގާދިޔަ ހަމަނުޖެހުމުގެ ސަބަބުން އެނގިގެން ދަނީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަން، ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
މާފުށި ޖަލުގައި އިއްޔެ ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ހަމަނުޖެހުމުގެ ސަބަބުން ރައީސް ޔާމީނާއި ގައިދީންނާއި ޖަލު އޮފިސަރުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަން އެނގިގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ޖަލުތަކަކީ ރައްކާތެރި ތަނަކަށް ހަދަންޖެހޭ ކަމަށާއި އެތަނަކީ އިންސާނީ ކަރާމާތް ދަމަހައްޓަންޖެހޭ ތަނެއް ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މާފުއްޓަކީ "ލޯކަލް ޓޫރިޒަމް"ގެ އެންމެ ވަރުގަދަ އެއް ހަބު ކަމަށާއި އެ ރަށުގެ ނަމާއި ގުޅުވައިގެން ޖަލުގެ ނަން އޮންނާތީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން މާފުއްޓަކީ ވަރަށް އެކުވެރި ސުލްހަވެރި ރައްޔިތުންތަކެއް އުޅޭ ރަށެއް ކަމަށާއި މާފުށީ ޖަލުގެ ނަން ބަދަލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާފުށީ ޖަލުގައި އިއްޔެ ހަމަނުޖެހުމެއް ހިނގައިފައި ވަނީ ގައިދީއަކު ޖަލު އޮފިސަރަަކަށް ހަމަލާދިނުމުން ރައްދުގައި އެ ގައިދީ އަށް އޮފިސަރު ހަމަލާދިނުމާ ގުޅިގެންނެވެ. މިފަދަ ކަމެއް ހިނގައިގެން އުޅޭއިރު ޖަލުގައި ބަންދު ކުރެވޭ ގައިދީންގެ ފަރާތުން ޖަލު ބަލަހައްޓާ ކަރެކްޝަންސްގެ އޮފިސަރުންނަށް އަނިޔާ ލިބެމުން އަންނަ ކަމަށް ޖަލުތަކުގެ ވެރިޔާ އަބްދުﷲ މުނާޒު ވިދާޅުވެފައި ވަނީވެސް އިއްޔެއެވެ.