ދޯންޏަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގެއްލުނު މީހާ ހޯދުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައި ވަނީ އޭނާ ކަނޑަށް ވެއްޓުނީ ސީދާ ކޮން ސަރަޙައްދަކަށްކަމެއް އެނގިފައިނުވާތީކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
ނަސްރުﷲ ޢަބްދުﷲ ގެއްލިފައިވަނީ ރޭ އިރުއޮއްސުނު ފަހުން ބ.ދޮންފަނާއި އެއަތޮޅު ހަނިފަރާދެމެދުން ލޯންޗަކާއި ޑިންގީއެއްޖެހި ހިނގި އެކްސިޑެންޓެއްގައި އޭނާ ކަނޑަށް ވެއްޓުމުގެ ސަބަބުންނެވެ.
އެމްއެންޑީއެފް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓް ގާާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އަހުމަދު މުޖްތަބާ ވިދާޅުވީ، މި ޙާދިސާގެ މަޢުލޫމާތު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރޭ ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ނަސްރުﷲ ހޯދުމަށްޓަކާ ކަނޑުއަޑިންނާއި، ކަނޑުމަތިން އަދި ވައިގެ މަގު ހިމެނޭހެން ކުރިއަށްގެންދާކަމަށެވެ. ނަމަވެސް އޭނާ ހޯދުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނަސްރުﷲ ކަނޑަށް ވެއްޓުނީ ސީދާ ކޮން ސަރަޙައްދަކުންކަމެއް ފާހަގަކުރެވިފައިނުވާތީކަމަށެވެ.
"މި އެކްސިޑެންޓު ހިނގި ސަރަޙައްދަކީ ދޮންފަނުގެ ހުޅަނގުދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރެއް އޮވޭ. އެ ފަރު ކައިރިންކަމަށް. ދެން ސީދާ ޕިންޕޮއިންޓްކޮށް އެ ލޮކޭޝަން އަޅުގަނޑުމެންނަށް ނޭންގޭތީ އަޅުގަނޑުމެންނަށް ކޮމްޕްލިކޭޓްވެގެން މިއުޅެނީ މި އޮޕަރޭޝަން. ނަމަވެސް އަޅުގަނޑުމެންގެ ހުރިހާ ރިސޯސަސްތަކެއް މިކަމުގައި މިދަނީ ބޭނުންކުރަމުން" ކާނަލް މުޖުތަބާ ވިދާޅުވިއެވެ.
ކާނަލް މުޖުތަބާ ވިދާޅުވީ، ނަސްރުﷲ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ އެންމެ ބޮޑު އުޅަނދު ޝަހީދު އަލީއާއި، ކޯސްގާޑް ފާމުލަދޭރި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓާއި، ހާބާ ކްރާފްޓެއްވެސް އެ ސަރަޙައްދުގައި ޑައިވަރުންނާއެކު ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި ހެލިކޮޕްޓަރު ބޭނުންކޮށްގެން 120 ސްކޮޔަާ ނޯޓިކަލް މޭލްގެ ސަރަޙައްދެއް ބަލާފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަސްރުﷲ ހޯދުމަށް ހިންގާ އޮޕަރޭޝަންގައި ބ. އަތޮޅުގެ ރިސޯޓުތަކާއި ރަށްރަށުގެ އެހީތެރިކަންވެސް ފުލުހުންނާއި ސިފައިންނަށް ލިބެމުންދާކަން ކާނަލް މުޖުތަބާ ވަނީ ފާހަގަކުރައްވާފައެވެ.
މި ހާދިސާގައި ގެއްލުނު ޑިންގީގެ ފޮޓޯވެސްވަނީ އެމްއެންޑީއެފްއިން އާންމުކޮށްފަ އެވެ.
އެ ހާދިސާ ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ ރޭ 19:06 ހާއިރުއެވެ. އެ ހާދިސާގައި ބ. އޭދަފުށީ މުޝްތަރީގޭ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ ވަނީ ގެއްލިފައެވެ. އޭނާ ދަތުރު ކުރަމުން ދިޔައީ ގެއްލުނު ޑިންގީންނެވެ. އޭނާ އާއި ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަދި އާއްމު ރައްޔިތުންނާއި ކައިރި ރިސޯޓުތަކުން ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އަޑިއަށް ދިޔަ ޑިންގީ ވެސް އަދި ނުފެންނަ ކަމަށެވެ. ނަމަވެސް ޑިންގީގައި ހުރި ބައެއް ތަކެތި އޮޔާ ދަނިކޮށް ރޭ ވަނީ ކަނޑުމަތިން ފެނިފައެވެ.