އުމުރުން ދުވަސްވީ މީހެއްގެ ގައިގަ ސައިކަލުން ޖެއްސުމަށްފަހު ފިލި މީހެއްގެ ސައިކަލު ޓޯކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު 7:38 ހާއިރު ފުރުގާން މިސްކިތް ކައިރީ ކަފިހި ހުރަސްމަތިން މިސްކިތަށް ދިޔަ 56 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގަ ސައިކަލަކުން ޖައްސާ، އެކްސިޑެންޓްކޮށް ސައިކަލު ދުއްވި މީހާ ސައިކަލުގައި ފިލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަނށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އަނިޔާވި މީހާގެ ބޯ ފަޅާއިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެކްސިޑެންޓްކޮށް، ފިލި މީހާ ދުއްވި ސައިކަލު ފުލުހުން ހޯދާފައި ވަނީ ސީސީޓީވީ ފޫޓޭޖް ބަލައިގެން ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި ސައިކަލު ދުއްވި މީހާގެ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.