މި ސަރުކާރުން އުޅެނީ ރިސޯޓު މުވައްޒަފުންގެ އަތްދަށުން ސަލާމަތް ނުވެވިގެން ކަމަށް ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރިސޯޓު މުވައްޒަފުންގެ ހައްގުތައް ހޯދައިދޭނެ ކަމަށް ބުނެ ތިމާމެންނަށް ނުވާވަރުން ވައުދާ އަހުދާ މި ސަރުކާރުން ވެފައި ވާ ކަމަށެވެ. ނަމަވެސް މިއަދު މި ސަރުކާރުން އުޅެނީ ރިސޯޓު މުވައްޒަފުންގެ އަތްދަށުން ސަލާމަތް ނުވެވިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނުވާ ވަރުން ކަންކަމާ ކުރިމަތިލައި އަދި މިއަށްވުރެ ބޮޑެތި ހާލަތްތަކާ ދިމާވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަމީމްގެ މިފަދަ ރައްދެއް ސަރުކާރަށް އަމާޒުވެފައި މި ވަނީ ހޮނޑާފުށި ރިސޯޓުގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރި މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ.
މީގެ އިތުރުންވެސް ހޮނޑާފުށި ރިސޯޓުގެ ދެ މުވައްޒަފެއް މާރާމާރީއެއް ހިނގި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލައިގައި މާރާމާރި ހިންގާފައި ވަނީ ދިވެހި މުވައްޒަފަކާއި އިންޑިއާ މުވައްޒަފެއްގެ ދެމެދުގައެވެ. މި މައްސަލަ މިހާރު ފުލުހުން ބަލަމުންދާ އިރު އަދި އެ ރިސޯޓުގެ މެނޭޖްމަންޓުން ވަކި ޖަވާބެއް ނުދެއެވެ.
މި މައްސަލައިގައި ސަރުކާރަށް ގިނަ ބަޔަކު ފާޑުކިޔަމުންދާ އިރު، ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ދަނީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.