ބ. ދޮންފަނު ކައިރިން ދޯންޏަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޓެންޑްގައި ގެއްލިގެން ހޯދަމުން ދަނީ ބ.އޭދަފުށީ ނަސްރުﷲ އަބްދުﷲ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭދަފުށި ކައުންސިލްގެ ރައީސް ވިދާޅުވީ، މި އެކްސިޑެންޓުގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކައުންސިލުން ވެސް އޭނާ ހޯދުމަށްޓަކައި ކަނޑުމައްޗަށް ނިކުމެފައިވާ ކަމަށެވެ. އަދި ޑިންގީއާއި ލޯންޗުގައި ދަތުރުކުރި މީހުންގެ ތެރެއިން ފެނުނު 2 މީހުން މިހާރު ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގި ސަރަހައްދުގެ ފަރު ކައިރިން މަސްބާނަން ގެންގުޅޭ ކަންވާރުތަކެއް ފެނިފައިވާ ކަމަށެވެ.
މި ހާދިސާގައި ފުލުހުނާއި އާންމުންގެ ގިނަ ބަޔަކު ގުޅިގެން ނަސްރުﷲ ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު 15 އުޅަނދަކުން އެނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ. އަދި ނަސްރުﷲ ހޯދުމަށް އެމްއެންޑީއެފްގެ "އެފްއައިސީ ފާމުލަދޭރި" ހަރަކާތްތެރިވަމުންދާ އިރު، އެ ސަރަހައްދު ކައިރީ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. ނަސްރުﷲ ހޯދުމަށް ކަނޑުގެ ސާފެސް ބެލުމާއި، ނައިޓް ވިޝަން ކެމެރާ ވެސް ދަނީ ބޭނުން ކުރަމުންނެވެ.
ތިން މީހުންނާއެކު ދަތުރުކުރި އެ ލޯންޗުން ގެއްލިފައި ވަނީ އުމުރުން 41 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ބ. ދޮންފަނު ކައިރިން ކަމަށާއި އެކްސިޑެންޓް ހިނގީ ދަރަވަންދޫން ފުރައިގެން ދިޔަ ޑިންގީއަކާއި ބ. އޭދަފުށިން ފުރައިގެން ދިޔަ ލޯންޗެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.
އެކްސިޑެންޓް ހިނގި އިރު ޑިންގީގައި ތިބީ 3 ދިވެހި ފިރިހެނުން ކަމަށާއި، އޭގެތެރެއިން އެކަކު އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.