ބ. ދޮންފަނު ކައިރިން ދޯންޏަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޓެންޑްގައި މީހަކު ގެއްލިގެން ހޯދަން ފަށަފައިފިއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަނީ ޑިންގީގައި ތިބި 3 މީހުންގެ ތެރެއިން މީހެއް ކަމަށެވެ. އަދި އެއީ ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. މި ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 7:07 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. ފެނިފައިވަނީ އުމުރުން 42 އަހަރާއި 38 އަހަރުގެ ދިވެހި ފިރިހެނުންކަމަށާއި ގެއްލިގެން އުޅެނީ އުމުރުން 41 ެ=އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ބ. ދޮންފަނު ކައިރިން ކަމަށާއި އެކްސިޑެންޓް ހިނގީ ދަރަވަންދޫން ފުރައިގެން ދިޔަ ޑިންގީއަކާއި ބ. އޭދަފުށިން ފުރައިގެން ދިޔަ ލޯންޗެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. އެކްސިޑެންޓް ހިނގި އިރު ޑިންގީގައި ތިބީ 3 ދިވެހި ފިރިހެނުން ކަމަށާއި، އޭގެތެރެއިން އެކަކު އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ފެނިފަްިވާ ދެ މީހުން އެކްސިޑެންޓްވި ލޯންޗަށް ނަގާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުނެއެވެ. އަދި އެކްސިޑެންތްވި ޑިންގީ އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ފުލުހުނާއި އާންމުންގެ ބަޔަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު އެ ސަރަހައްދުގައި ފުލުހުންގެ ލޯންޗަކާއި ދޯންޏެއްގައި އެމީހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ޑީންގީގައި ކަނޑޫ މަތީގައި މިފަދަ އެތައް ހާދިސާއެއް ހިނގާފައިވާ އިރު މިދިޔަ މަހުގެ 20 ވަނަ ދުވަހު އދ. މާމިނގިލިން ފުރައިގެން 4 މީހުންނާއެކު ފ.ފީއައްޔަށް ދިޔަ ޑިންގީއެއްގެ ހަބަރު ނުވެގެން އެމްއެންޑީއެފުން ވަނީ އެ ޑިންގީ ހޯދުމަށް ހަރަކާތްތެރިވެފައެވެ. އެ ޑިންގީ ފެނުނު އިރު އޭގައި ތިބި އެންމެންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.