ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓަށް ވަޑައިގަންނަވަން އޫޅުއްވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ރިސޯޓުގެ މުވައްޒަފަކު ބުނީ އަންނަ އާދިއްތަ ދުވަހު ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ރިސޯޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހޮނޑާފުށި ރިސޯޓުގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރި، ތ. އަތޮޅަށް ނިސްބަތްވާ އަހުމަދު ޝިމްހާޒް ބުނީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އޭނާއާ ބައްދަލު ކުރެއްވި ދުވަހު، ސަރުކާރު ހުޅުވޭ އެންމެ އަވަހަށް އެ ރިސޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ޝިމްހާޒަކީ ސާވިސް ޗާޖަށް ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނެ ވާހަކަ ދައްކާފައި ވާތީ ހޮނޑާފުށި ރިސޯޓުން ވަޒީފާއިން ވަކިކުރި މުވައްޒަފެވެ. ޝިމްހާޒަށް ތިން މަސް ދުވަހުގެ މުސާރަ ދެއްވަން އަލީ ވަހީދު ނިންމަވައިފައި ވާއިރު، އޭނާ ބުނެފައި ވަނީ އޭނާ އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ނިންމާނެ ކަމަށާއި ރުފިޔާ ބޭނުން ނުވާ ކަމަށެވެ.

ޝިމްހާޒް ވަޒީފާއިން ވަކިކުރި މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައި ވަނިކޮށް އެ ރިސޯޓުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެ ނޫސް ބަޔާނުގައި ބުނީ ނޮވެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ދިނީ 36 ޑޮލަރު ކަމަށެވެ. އަދި މުވައްޒަފު ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ކަމަށް ހޮނޑާފުށި އައިލެންޑް ރިސޯޓުން ވަނީ ބުނެފައެވެ.

ހަމަ އެއާއިއެކު އެ ރިސޯޓުގެ ދެ މުވައްޒަފަކު މާރާމާރިއެއް ހިންގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ދިވެހި މުވައްޒަފަކަށް އަނިޔާ ލިބިފައި ވާއިރު މި ކަމާ ސުވާލުކުރަން ގުޅުމުން އެ ރިސޯޓުން މީޑިއާއަށް މައުލޫމާތު ދިނުމަށް ވަނީ އުޒުރުވެރިވެފައެވެ.

ރިސޯޓުތަކާއި ގުޅޭ އެތަށް މައްސަލައެއް ފެންމަތިވެފައި ވާއިރު، ހޮނޑާފުށިން ވަނީ ދެ މައްސަލައެއް ފެންމަތިވެފައެވެ. ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ދަނީ ސޯޝަލް މީޑިއާގައި އަލީ ވަހީދު އިސްތިއުފާއަށް ގޮވާލަމުންނެވެ. އަދި ޓޫރިޒަމް މިނިސްޓަރު އެ ރިސޯޓަށް ވަޑައިގަންނަވަން އުޅޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ވަނީ ލިބޭގޮތް ނުވެފައެވެ.