ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އުޅޭ ހާލަތު ދައްކުވައިދޭ ފޮޓޯތަކުން މުޅި ޓްވިޓާ ފުރާލައިފިއެވެ.
އާންމުންގެ މީހެއް ކަމަށް ވާ އިސްމާއިލް ޝައުކަތު ކިޔާ މީހަކު ސޯޝަލް މިޑިއާގައި ކޮށްފައިވާ ޕޯސްޓްތަކުން ދައްކުވައި ދެނީ ރިސޯޓުތަކުގެ މުވައްޒަފުން އުޅެމުން އަންނަ ހާލަތެވެ. އެމީހުންގެ ނިދުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ތަނުގެ ފެންވަރު ދަށް ކަމާއި ތޮއްޖެހިގެން އެތައް މުވައްޒަފުންތަކެއް އުޅެމުން އަންނަ ތަންތަނުގެ ހާލަތެވެ. އެގޮތުން އެ ފަރާތުން ވަނީ އޮޒޯން ބައި އެޓްމޮސްފިއާ އާއި ޕެރެޑައިސް އައިލެންޑް ރިސޯޓާއި، ވަށްބިންފަރު ރިސޯޓުގެ ހާލަތު ދައްކުވައިދޭ ފޮޓޯތަކާއެކު ސްޓާފުންގެ ހާލަތު ބަޔާންކޮށްފައެވެ.
އޯޒޯން ބައި އެޓްމޮސްފިއާ ރިސޯޓުން މުވައްޒަފުންގެ އެކޮމޮޑޭޝަން ހަމަޖައްސާފައިވާ ތަން ކަމުގައި ބުނެ 6 ބަންކު ބެޑާއި އަލަމާރިއެއް ހުރި ކޮޓަރިއަކާއި ފާހާނާގެ ފޮޓޯތަކާއެކު އޭނާ ބުނީ، ބިދޭސީ އަދި ދިވެހި މުވައްޒަފުން މަސްހުނިވާ ގޮތަށް ޖުމްލަ 12 ސްޓާފުން ދަނީ 2 ފަހާނާ ބޭނުން ކުރަމުން ކަމަށާއި އަދި ފާހާނާގައި ތަޅެއް ނުހުންނަ ކަމަށެވެ. މީގެއިތުރުން އެއީ ރެފިއުޖީ ކޭމްޕެއްގެ ގޮތުގައި ސިފަކުރަމުން އެފަރާތުން ބުނެފައި ވަނީ މިފަދަ ރިސޯޓުތައް އޮޑީޓް ކުރާ އިރު ޓުއަރިޒަމް މިނިސްޓްރީގެ ޓީމުން އެކަން ކުރަނީ ކިހިނެއްކަން ސާފު ނުވާ ކަމަށެވެ.
އޯޒޯން ބައި އެޓްމޮސްފިއާ ރިސޯޓުން ރާއްޖޭގެ ލޭބާ ގާނޫނާ ހިލާފަށް އަމަލުކުރަމުންދާ ކަމުގެ ތުހުމަތަށް ރައްދު ދެއްވާ އެ ރިސޯޓުގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ވަނީ އެކަނ ދޮގުކޮށްފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ އޯޒޯން ބައި އެޓްމޮސްފިއާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ބުނީ، ޓްވިޓާގައި ދައުރުވަމުންދާ ފޮޓޯއަކީ ވަރަށް ކުރީގެ ފޮޓޯއެއް ކަމަށާއި އޭނާ ބުނެފައިވާ ވާހަކަތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ފަރާތަކީ އެ ރިސޯޓުގެ މުވައްޒަފެއް ނޫން ކަމަށްވެސް އޯޒޯންއިން ބުނެއެވެ.
މީގެ އިތުރުން އެ ރިސޯޓުގެ އެޗްއާރުން ބުނީ، ކޮޓަރިއެއްގައި އުޅޭނީ ޖުމްލަ 6 ނުވަތަ 4 ސްޓާފުން ކަމަށާއި ގިނައިން ތިބޭނީ 4 މުވައްޒަފުން ކަމަށެވެ. އަދި އެއްވެސް ފާހާނާއެއްގައި ތަޅު ނުލެވޭ ގޮތަށް ނުހުންނާނެ ކަމަށް އެފަރާތުން ބުނެއެވެ. މީގެ އިތުރުން ހަގީގަތާ ހިލާފް ވާހަކަތަކެއް ޝެއާކޮށްފައި ވާ ފަރާތުން މިގޮތަށް ކަންކުރުމަކީ ސީދާ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ފާހަގަކުރެވޭކަމަށް އެފަރާތުން ބުނެއެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ސްޓާފުން ތިބޭ ރޫމެއްގެ ފޮޓޯ އާންމުކޮށް އޭނާ ބުނީ، 57 މުވައްޒަފުން 2 ފާހާނާ ބޭނުން ކުރަމުން އަންނަ ކަމަށާއި މިއީ ފެންވަރުގެ ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހާލަތު ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އެ ރިސޯޓުގެ އެޗްއާރުން ބުނީ، އެއީ ވިލާ މެރިން ޓްރާންސްޕޯޓް ސެކްޝަނާ ގުޅުން ހުރި ކަމެއް ކަމަށެވެ. އަދި އެ ފަރާތުން މިކަމަށް މައުލޫމާތު ދިނުމަށް ވަނީ އުޒުރުވެރިވެފައެވެ.
ހަމައެއާއެކު ބަނިޔަން ޓްރީ ވަށްބިންފަރުގެ ރިސޯޓުގެ ގެސްޓު ރެސްޓޯރަންޓު ބާ ސަރަހައްދުގެ ފޮޓޯއަކާއެކު އޭނާ ބުނެފައި ވަނީ، އެ އިމާރާތުގައި ރެނދުލާފައިވާ ކަމަށާއި، އިމާރާތުގެ ހާލަތު ވަރަށް ސާފުކޮށް ފޮޓޯއަށް ފެންނަން އެބަހުރި ކަމަށެވެ. އަދި މިކަން ބަލާ ފާސްކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.
އިސްމާއިލް ޝައުކަތުގެ ޓްވީޓަކަށް ރައްދު ދެއްވަމުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މިނިސްޓަރު ކަމުގައި ކުރެއްވި ކަމެއް ތޯއާއި މީގެ ކުރިން މިތަންތަން ނެތީތޯ މެންބަރު ޝިފާއު އައްސަވާފައި ވެއެވެ.
އެކަމަށް ރައްދު ދެމުން އިސްމާއިލް ބުނީ، މީގެ ކުރިން ކޮށްފައިހުރި ގޯސް ކަންކަން ރަނގަޅުކުރަން އަހަރު ދުވަސް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ. މި ކަމުގައި އޮތީ ވައުދާ އެއްގޮތަށް ދޮގާއި މަކަރު ނުހަދާ ރިސޯޓުތަކުގައި އުޅޭ ސްޓާފުންނަށް އެމީހުންގެ ހައްގުތައް ހޯދައި ދިނުން ކަމަށެވެ.
ރިސޯޓުތަކުގެ މުވައްޒަފުންގެ އެތައް ޝަކުވާތަކެއް ފަހަކަށް އައިސް ދަނީ ފެންމަތިވަމުންނެވެ. މި ކަމާ ގުޅިގެން ބައެއް ރިސޯޓުތަކުގެ މުވައްޒަުން ވަނީ މިނިސްތަރު އަލީ ވަހީދުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.
ދާދި ފަހުން ފެންމަތިވި ރިސޯޓު މުވައްޒަފުންގެ ޝަކުވާތަކުގެ ތެރޭގައި ހޮނޑާފުށިން ދިން 11 ޑޮލަރުގެ ސާވިސް ޗާޖު މައްސަލައާއި އެ ވާހަކަ ހިއްސާކުރި މުވައްޒަފެއް ވަޒީފާއިން ވަކި ކުރި މައްސަލައަކީ ވަރަށް ހޫނުގަދަވެގެން ދިޔަ މައްސަލަތަކެކެވެ.
ހީވާކަހަލަ ގެސްޓުންހެން މުވަޒަފުންވެސް ގެންގުޅެން މިޖެހެނީ... މިހެންވެ ދިވެހިން ނައް ފުރުސަތުނުެ'ޭންވީ.. މާމަތީ ބައެއްމީ