އާއަހަރު ފާހަގަ ކުރުމަށް ހިންގާފައިވާ އެކި އެކި ކުއްތަކާއި ގުޅިގެން ފުލުހުންގެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 65 މީހުންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމަތުދޭ ގޮތުގައި، އާއަހަރުގެ އޮޕަރޭޝަނާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 65 މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން ބަންދުގައި ތިބީ 19 މީހުންކަމަށް ފުލުހުން ބުނެއެވެ. އޭގޮތުން އައްޑޫސިޓީ އިން ޖުމްލަ 15 މީހަކު ހައްޔަރުކޮށްފައިވާއިރު، ފުވައްމުލައް ސިޓީއިން ހައްޔަރުކޮށްފައިވަނީ 23 މީހުންނެވެ. މާލެ ސިޓިއިން 19 މީހަކު ހައްޔަރުކޮށްފައިވާއިރު، ގދ. އަތޮޅުން ހައްޔަރުކޮށްފައިވަނީ އެންމެ މީހަކެވެ. އަދި ށ. އަތޮޅުން 6 މީހަކު ހައްޔަރުކޮށްފައިވާއިރު ރ އަތޮޅުން ހައްޔަރުކޮށްފައިވަނީ އެންމެ މީހެއްކަމަށް ފުލުހުން ބުނެއެވެ.

އޭގެތެރެއިން މިހާރު އައްޑޫސިޓީއިން ބަންދުގައި ބަހައްޓާފައި ތިބީ ޖުމަލް 2 މީހުންކަމަށާއި، ފުވައްމުލައް ސިޓީގައި 5 މީހުން ބަންދުގައި ތިބިއިރު، މާލެސިޓީއިން ބަނދުގައި ތިބީ 7 މީހުންކަމަށް ފުލުހުން ބުނެއެވެ. އަދި ގދ. އަތޮޅުގައި އެއް މީހަކު ބަންދުގައި ހުރި އިރު، ށ. އަތޮޅުގައި ބަންދުގައި ހުރީ 4 މީހުންކަމަށްވެސް ފުލުހުން ބުނެއެވެ. މީގެތެރެއިން ރ އަތޮޅުން ހައްޔަރުކުރި މީހުންގެ ތެރެއިން އެއްވެސް މީހަކު ބަންދުގައި ބަހައްޓާފައި ނެތް ކަމަށް ފުލުހުން ބުނެއެވެ.

އާއަހަރު ޗުއްޓީގައި ކުއްތައް އާންމުވެފައިވާއިރު، މީގެ ތެރެއިންވެސް އެންމެ ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނީ ބަނގުރާ ބޮއިގެން މަގުމައްޗަށް ނިކުމެ ހަމަނުޖެހުން އުފައްދަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ ހަމައެކަނި އެއްޔެވެސް ފަސްތަނަށްވުރެ ގިނައިން ބަނގުރާ ބޭނުން ކުރަނިކޮށް އަދި ކައްކަނިކޮށް އަތުލައިގެންފައެވެ. އޭގެ ތެރެއިން އައްޑޫގެ ތިން "ރާބަދިގެ" އެއް އަދި ފުވައްމުލަކުގެ ހަތަރު ރާބަދިގެ އެއް ހޯދާފައިވެއެވެ. އިއްޔެ އެންމެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވަނީ ފުވައްމުލަކުންނެވެ.

މާލޭގައި ފުލުހުން އޮޕަރޭޝަން ހިންގާފައި ވަނީ "ރިވެލި"ގެ ނަމުގައެވެ. މި އޮޕަރޭޝަން ތަކުގެ އިތުރުންވެސް ފުލުހުން ވަނީ އެހެން ގިނަ އޮޕަރޭޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނަށް ބަލާއިރު މަސްތުގެ ހާލަތުގައި ހުރި އެކަކު ރ.މީދުއިން ވަނީ ހައްޔަރުކޮށްފައެވެ. ށ. ޅައިމަގުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމުގައި ފަސް ގެއެއް ބަލާ ފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފައި ވެއެވެ. ށ. ފުނަދޫ އުތުރުފަރާތު ވަލު ތެރޭގައި ބަނގުރާ ބޯން ތިބި ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނުގައި އެތަނުން އެކަކު ހައްޔަރު ކޮށްފައި ވަނީ އެކަކެވެ. އަދި އަނެއް ދެމީހުން ބަނގުރާ ބޯން ތިބިކަމަށް ވަނީ އެރަށުގެ އުތުރުފަރާތު އަތިރިމަތީގައެވެ. ލ.ގަމުން ވެސް ތިން ފިރިހެނަކާއި އަންހެން ކުއްޖަކު ބަނގުރާ ފުޅިއަކާއި އެކު ހައްޔަރު ކުރިއެވެ. އަދި މަސްތުވާތަކެއްޗާއެކު ގދ. ތިނަދޫން 39 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.